ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ޞަލާހުއްދީން ސްކޫލްގެ މަސައްކަތް، އަންނަ ދިރާސީ އަހަރަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ޞަލާހުއްދީން ސްކޫލް"ގެ ޢަމަލީ މަސައްކަތް ހަވާލުކުރައްވާފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ސްކޫލްގެ ޢަމަލީ މަސައްކަތް ފެށީ 2021ވަނަ އަހަރުގެ ފެބްރުއަރީގައެވެ.
މިއީ 6 ފަންގިފިލާއަށް އިމާރާތްކުރާ ސްކޫލެކެވެ. ސްކޫލްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އިމާރާތުގެ ޝީޓްތައް އެޅުމުގެ މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ ރޭނުމުގެ މަސައްކަތެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްގެ މަސައްކަތްތައް އޮގަސްޓްގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މަސައްކަތްތައް ނިންމާ މިއަހަރުގެ އޮގަސްޓްގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއީ 1000 އާއި 1200އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
"ޞަލާޙުއްދީން ސްކޫލު" ނިސްބަތްވާ، ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ޚިދުމަތްތެރި އެއް އަދީބެވެ. މި ސްކޫލަކީ 118 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރާ ސްކޫލެކެވެ.
ސަލާހުއްދީން ސްކޫލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަންފެށި ފުރަތަމަ ސްކޫލެވެ. ނަމަވެސް އާބާދީ އިތުރުވުމާއި ގުޅިގެން ވަގުތީ ސްކޫލެއްގެ ގޮތުގައި އިތުރު ސްކޫލެއް ތަރައްޤީކޮށް، "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް"ގެ ނަމުގައި މި ހިނގާ ދިރާސީ އަހަރާއެކު އެ ސްކޫލްގެ ކިޔެވުން ވަނީ ފަށާފައެވެ. މިސްކޫލްގައި 800އެއްހާ ކުދިން އަންނަނީ ކިޔަވަމުންނެވެ. އެ ސްކޫލްގައި 24 ކްލާސްރޫމް ހުރެއެވެ.
މީގެއިތުރުންވެސް 2 ޕްރީ ސްކޫލަކާއި އިންޓަރނޭޝަނަލް ސްކޫލެއްގެ މަސައްކަތްވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިވަގުތު ހުޅުމާލެ ދެވަނަ ފިޔަަހީގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން 6000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ. ހަމައެކަނި ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އާބާދީވެސް 30000އިން މައްޗަށް އަރައެވެ. މީގެއިތުރުން ކުންފުނިތަކުގެ ފްލެޓާއި، އަމިއްލަ މީހުންގެ ގެތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
"ޞަލާޙުއްދީ ސްކޫލް"ގެ މަސައްކަތް ދިރާސީ އައު އަހަރަށް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ