ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ.
އެ ބައި އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރޭގައި ހިމެނެނީ ގުރައިދޫ ދާއިރާ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާއި އެމްޑީފީގެ ފަރާތުން މުހައްމަދު ޝާޒްގެ އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ.
އިލެކްޝަންސް ކޮމިޝަނުންގެ އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު ބޭއްވި ގުރުއަތުލުމުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ހުސައިން ރިޒާއަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް ސާޒު ލިބިވަޑައިގެންނެވިއިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވަން ހަމަޖެހިފައި ވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވަން ނިންމާފައިވަނީ އެ މަގާމު ފުރުވަމުން ދިޔަ އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ