މިހަފްތާގެ ތެރޭގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅާނެ: ފޯޅަވަހި އިއްތިހާދު

ފޯޅަވަހީގެ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ހަފްތާ ތެރޭގައި އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ މައްސަލާގައި ހަދާފައިވާ އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. 
ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި ރާއްޖެއިން ބޮޑު ބައެއް ގެއްލުނު ކަމަށް ބުނެ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް އިދިކޮޅުން ވަނީ މި ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައެވެ. 
އެހެންނަމަވެސް، މައްސަލަ ހުށަހެޅިތާ މާ ގިނަ އިރުތަކެއް ނުވެ އަލުން އެ މައްސަލަ އަނބުރާ ގެންދިޔުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އިދިކޮޅަށް ވަނީ އަމާޒުވެފައެވެ. 
Advertisement
އެ ވާހަކަތަކަށް ރައްދުދެއްވައި، ފޯޅަވަހި އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ، މައްސަލަ އަނބުރާ ގެންދެވި ސަބަބު ސާފުކޮށްދެއްވާފައެވެ. 
އެގޮތުން ވިދާޅުވީ، ޝާހިދުގެ އިތުބާރުގެ މައްސަލަ އަނބުރާ ގެނެސްފައިވަނީ އެމައްސަލާގައި މަޖިލީހުގެ އިތުރު މެންބަރުންތަކެއް ސޮއިކުރުމަށް ބޭނުންވާތީ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި މައްސަލަ އަލުން ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިންގެ ކަނޑު ވިއްކާލި މައްސަލާގަ ޝާމިލްވާ ފަރާތްތައް ޖަވާބުދާރީކުރުމަށް މިކުރާ މަސައްކަތުގަ ދޫދިނުމެއް ނެތް." އުޝާމް ވިދާޅުވި އެވެ. 
ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ގެވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު ފޯޅަވަހި އިއްތިހާދުން ވަނީ ހުށަހަޅައިފަ އެވެ. 
އިދިކޮޅު ފޯޅަވަހި އިއްތިހާދުގެ ތެރޭގައި ހިމެނެނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީއެވެ. 
މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ