މޫސާ އަލީ ޖަލީލަކީ ގޮތާއި، ފޮތާއި، ހަމައާއި އުސޫލުގެ ވެރި ބޭފުޅެއް

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަވާ، ރިޓަޔަޑް، މޫސާ އަލީ ޖަލީލަކީ، ގޮތާއި ފޮތާއި، ހަމައާއި އުސޫލާއި، އަޚުލާޤުގެ ވެރި ބޭފުޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕީއެންސީގެ މެދުހެންވޭރު ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޓީ ތަމްސީލު ކުރުމަށް ބޭނުންވަނީ ވަރަށް ޒިންމާދާރު ފަރާތެއް ކަމަށާއި، މޫސާ އަލީ ޖަލީލަކީ އެފަދަ ފަރާތެއްކަން އެންމެން ވެސް ދަންނާނެ ކަމަށެވެ.
”ކަންތައްތައް ޙައްލުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިސްކޮށް ހުންނަވާ ބޭފުޅެއްގެ(ކިބައިގައި) ހުންނާން ޖެހޭ ހުރިހާ ސިފައެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މޭޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލުގެ އެބަހުރި.“ ޝިޔާމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުގައި މިއަދު އިސްކޮށް ތިއްބެވި ބޭފުޅުން މިއަދު ކަންކަން ކުރަމުންދަނީ ފަނާ ކުރުވަނިވި ވިސްނުމެއްގައި ކަމަށާއި، ހަމައާ އުސޫލު ނެތް ބަޔަކު ކައުންސިލް ހިންގުމުން އެތަންތަނުން ”ރަނގަޅު އެއްޗެއް ނުނުކުންނާނެ“ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، މާލެ ސިޓީގެ މޭޔަރެއްގެ ގޮތުގައި މުޅި ރާއްޖެއަށް ނަމޫނާ ދައްކަވައިފައެވެ.
އެގޮތުން އެ މަގާމާ ހަވާލުވެވަޑައިގެން، ސްޓްރެޓެޖިކް އެކްޝަން ޕްލޭން(އެސްއޭޕީ)އެއް އިއުލާނު ކުރެއްވިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ، ބޯހިޔާވަހިކަމަށް ހައްލު ލިބޭނެ ގޮތަށް އެމަނިކުފާނު ތަޖުރިބާއާއެކު އެކުލަވައިލި އެ ޕްލޭން މިހާރު ކޮބައިތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ. މިނިސްޓަރު އެ ފާހަގަކުރެއްވީ، މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް ހުންނެވުމުން، އެ އެސްއޭޕީއަށް އަމަލު ނުކުރާ ވާހަކަ ކަމަށް ބެލެވެއެވެ.
ޝިޔާމް ވަނީ، މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު ހޮވިވަޑައިގެންފިނަމަ، އެ ސިޓީގެ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް، ރައީސްގެ މޭޔަރުކަމުގައި އެކުލަވައިލި އެސްއޭޕީ ނަންގަވައި، އެއަށް އަމަލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ