ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ، މި މަސައްކަތް ކުރިޔަށް ގެންދަނީ ޖުމްލަ 9 ފިޔަވައްސަކަށް ބަހާލާއިގެން ކަމަށެވެ. އަދި މިހާތަނަށް އައިއިރު 6 ފިޔަވައްސެއްގެ މަސައްކަތް ނިންމާ މިހާރު ކުރިޔަށްދަނީ 7 ވަނަ ފިޔަވަހީގެ މަސައްކަތް ކަމަށެވެ.
އެންމެ ފުރަތަމަ ފަށާފައިވަނީ އަމާންދޯދި 1، 2، 3 އަދި 4 ވަނަ ފްލެޓްތައް ހުންނަ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތެވެ. އަދި މި މަސައްކަތުގެ ދަށުން މަގުތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެޗްޑީސީން ވިދާޅުވީ، މަގުތަކުގައި ބައްތި ޖެހުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢު ނިމުމުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އެ ސަރަޙައްދުގައި މަގުބައްތި ޖެހުމުގެ %85 މަސައްކަތް ނިމިފައިވާކަމަށާއި އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައްވެސް މިހާރު ޤާއިމުކޮށް ނިމިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތަކުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. އަމާން ދޯދި އަދި އަމާން އުދަރެސް ފްލެޓްތަކުން އެޕާޓްމެންޓް ލިބުނު ބައެއް ފަރާތުން މިހާރު އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދުގައި ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެތެރޭގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދަނީ އެތަންތަނުގެ ފެނާއި ކަރަންޓު ގުޅައިދިނުމަށްފަހުގައެވެ. އެފްޑީސީން ދަނީ އަލަށް އެ ސަރަޙައްދަށް ބަދަލުވަމުންދާ ފަރާތްތަކަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
އެފްޑީސީ ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް ނިމެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ