ފަރުތަކުން ގާ ހުދުވުމުގެ ނުރައްކާ އޮތްކަމަށް ބުނެ، މި ވަގުތަށް ބިން ހިއްކުން މަޑުޖައްސައިލަން ގޮވައިލައިފި
ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ ނުރައްކާ ބޮޑުވަމުންދާކަމަށް ބުނެ، ބިން ހިއްކުމާއި ވެލި ނެގުމުގެ މަޝްރޫޢުތައް މިހާރަށް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ރެސިލިއަންޓް ރީފްސް (އެމްއާރްއާރް) އިން ގޮވާލައިފިއެވެ. މި ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ނޯއާ ކޮރަލް ރީފް ވޮޗްއިން ދައްކާާ ގޮތުގައި ރާއްޖެ މިހާރު އޮތީ ގާ ހުދުވުމުގެ "ވޮޗް" އެލާޓް ގިންތީގައި ކަމަށެވެ. މިއީ ގާ ހުދުވުމުގެ ފުރުސަތު އޮތްކަމަށް ބަލައި ސަމާލުވާންޖެހޭ މަރުހަލާއެކެވެ. ނޯއާގެ އަންދާޒާތަކުން ދައްކާގޮތުގައި ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވެ، "އެލާޓް ލެވަލް 1" އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. ގާ ހުދުވުމަކީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތީގައި ހުރުމުން މުރަކައަށް ކުރިމަތިވާ ހާލަތެކެވެ. މީގެ ސަބަބުން މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަދި މުރަކައަށް ބޭނުންވާ ހަކަތައިގެ 90 އިންސައްތަ ފޯރުކޮށްދޭ "ޒޫޒެންތެލީ" ފެހިތައް ބޭރުވެ، މުރަކަ ހުދުވެއެވެ. ލޮނުގަނޑުގެ ފިނިހޫނުމިން އަވަހަށް އާދައިގެ މިންވަރަށް ތިރިވެއްޖެނަމަ މުރަކަތައް އަލުން ދިރިދާނެއެވެ. ނަމަވެސް ހޫނުގަދަ ދުވަސްތައް ދެމިގެންދާނަމަ މުރަކަތައް މަރުވެ ފަރުތައް އެއްކޮށް ހަލާކުވެއެވެ. ރާއްޖެއަށް މީގެ ކުރިން 1998، 2016 އަދި 2023 ވަނަ އަހަރު ވަނީ މިފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިވެފައެވެ. މި ހާލަތުން ފަރުތައް ސަލާމަތްކުރުމަށް އެމްއާރްއާރް އިން ވަނީ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން: ބިން ހިއްކުން ހުއްޓާލުން: ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަކަށް ރުޖޫއަވަންދެން، ވެލި ނެގުމާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫޢެއް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ކިލަނބުވެ، ބަލިކަށިވެފައިވާ މުރަކަތަކަށް އިތުރު ގެއްލުން ލިބާކަމަށް ބުންޏެވެ. ފަތުރުވެރިކަމުގެ ސިނާއަތް: ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެލި ނެގުމާއި ގޮނޑުދޮށް ބެލެހެއްޓުމަށް ވެލި އެޅުން ފަދަ މަސައްކަތްތައް މެދުކަނޑާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަޖިސް ފެން ބޭރުކުރުން: ފަރުތަކުގެ ދިރުން ބަލިކަށިކޮށްލާ "ނިއުޓްރިއަންޓް ޕޮލިއުޝަން" ހުއްޓުވުމަށް ޓަކައި، ނަޖިސް ފެން އެކަށީގެންވާ ގޮތެއްގައި ސާފުކުރުމަށްފަހު ނޫނީ ކަނޑަށް ބޭރުނުކުރުމަށް ވަނީ އަންގާފައެވެ. އާންމުންގެ ސަމާލުކަން: ފަރުތަކާ ދުރުގައި ނަގިލި އެޅުމަށާއި، މަސްވެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ފަރުތަކަށް ގެއްލުން ކުޑަކުރުމަށް ވަނީ އެދިފައެވެ. އަދި ގާ ހުދުވާކަން ފާހަގަވާނަމަ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރުމަށްވެސް ވަނީ އެދިފައެވެ. އެމްއާރްއާރް އިން ބުނީ މި ނާޒުކު ދަނޑިވަޅުގައި އަޅާ ކޮންމެ ފިޔަވަޅަކީ ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމުޢިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ