ހުރާ ގެއެއްގައި ރޯވެ އިމާރާތަށާއި މުދަލަށް ގެއްލުންވެއްޖެ

ކ. ހުރާ ގެއެއްގައި ރޯވެ، ގޭގެ އިމާރާތަށާއި މުދަލަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 1:18 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އެންޑީއެމްއޭ އިން ބުނީ ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
އެ ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ