އިތިއޯޕިއަން އެއަލައިންގެ ދަތުރުތަށް ރާއްޖެއަށް ފަށަނީ

ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި އިތިއޯޕިއަން އެއަލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި، އިތިއޯޕިއަން އެއަލައިންއާއެކު އެއަރ ސާވިސް އެގްރިމެންޓް ހެދިގެންދާނެކަމަށާއި، މިއާއެކު އެ އެއަލައިންގެ ދަތުރުތައް ރާއްޖެއަށް ފެށޭނެކަމުގައިއެވެ. މީގެ އިތުރުން 1 އޯގަސްޓް އިން ފެށިގެން ބެލާވިއާގެ ދަތުރުތައްވެސް ރާއްޖެއަށް ފެށޭނެ ކަމުގައި މިނިސްޓަރު އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ދެހަފްތާ ތެރޭގައި އެއަރ ސާވިސް އެގްރިމެންޓް އިތިއޯޕިއާއެކު ކުރެވޭނެ. އެއީ ވަރުގަދަ އެއަރލައިނެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ. އެކަންތައްވެސް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. 1 އޯގަސްޓްއިން ފެށިގެން ބެލާވިއާ އެއަރލައިންސް ދަތުރުތައް ފަށާނެ. މޯލްޑިވިއަން އޮސްޓްރޭލިއާ ދަތުރުތައްވެސް ފެށިގެންދާނެ. ގުޅިގެން ކުރާ މަސައްކަތްތަކުގެ ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުންދޭ" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އައު އެއާލައިންތަކުގެ އިތުރަށް، މިހާރު ދަތުރުކުރާ އެއަރލައިންތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޤަތަރު އަދި އެމިރޭޓްސް ދަތުރުތައް މިހާރު އަލުން ފެށި އިޔާދަ ވަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މެދުއިރުމައްޗަށް ވައިގެ ދަތުރުތައް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ކުރެނު މަސައްކަތުން އީޑްލްވައިސް އެއަރއޭޝިއާ އެއާ އިންޑިއާ އަދި ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރަތައް އިތުރު ކުރެވުނުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ