ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗުން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ކަމަށާއި އެއުސޫލަށް ބަދަލެއް ނާންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ކޮންމެ ހޯމަ ދުވަހެއްގައި ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާ، ބައްދަލުކުރެވުމުން މިއަދު ނެތުމުން ބައެއް މީޑިއާތަކުން ގެނެސްދިން ޚަބަރުތަކަށް ރައްދުދެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާގެ ޕޯސްޓްގައި ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ދެއްކެވި ވާހަކަފުޅު ކޯޓް ކުރައްވާފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ "މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ކަމަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ދަންނަވަމުން ގެންދަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވި ސަބަބެއް ހީނާ ވިދާޅެއްނުވެއެވެ.
ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާ އުސޫލަށް ބަދަލެއް ނާދޭ - ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ