ޕީއެންސީގެ މެޖޯރިޓީ އޮތް މާލޭ ކައުންސިލްގެ ޖަލްސާ ކޯރަމް ހަމަނުވެގެން މިއަދު ވެސް ނުބޭއްވުނު!
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލް މިއަދު ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ. މިއަދުގެ ޖަލްސާ ފަށަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ޖަލްސާގައި ތިބީ، ނުވަ ކައުންސިލަރުން ކަމަށެވެ. އެއީ، ޖަލްސާއަށް ހާޒިރުވެ ތިއްބެވި، ހަތް ކައުންސިލަރުންނާއި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެ ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރުން ތިއްބަވާ ސިޓީ ކައުންސިލުގެ ޖަލްސާގެ ކޯރަމް ހަމަވާން ދިހަ ކައުންސިލަރުން ބޭނުންވެއެވެ. އެހެންވެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މޭޔަރު ޢާޒިމް ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ. ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ނުބޭއްވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. https://x.com/aekofathih/status/2011339290891206938 މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވަނީ، ކޯރަމް ހަމަނުވާތީ، އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައިފް ވިދާޅުވީ، މިދިޔަ މަހު 24ގައި، ގަވައިދުން ކުނި ކަހައި، ނަގާއިރު، ބުޅަލުގެ ނަޖިސް ނުނަގާ މައްސަލައާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ބުޅާ ފެސިލިޓީގެ ޚިދުމަތް ނުދެވޭ މައްސަލަ ސިޓީ ކައުންސިލްގެ ޖަލްސާގައި އެޖެންޑާ ކޮށްދޭން ހުށަހަޅާފައިވާ ކަމަށެވެ. އޭގެއިތުރަށް، ވެމްކޯގެ ޓްރަކުތަކުން ކުނީގެ ދިޔަ ލީކުވުމާއި 'މުޑުދާރު' ތަންތަން ގަވައިދުން ސާފު ނުކުރުމާއި ސައިޒުން ބޮޑެތި ކުނި ފުނި ޖެހެންދެން މަގުމަތީގައި ބަހައްޓާތާ މައްސަލައިގައި މަޝްވަރާކުރުމަށް ސައިފް ވަނީ ހުށަހަޅުއްވާފައެވެ. ސައިފް ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ހުށަހެޅި ފަހުން، މާލެ ސިޓީ ކައުންސިލް ޖަލްސާގެ ކޯރަމް ހަމައެއް ނުވެއެވެ. މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެގޮތުން، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރިގޮތާ ގުޅޭ މައްސަލަ ފެށުމާއެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ. މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ. https://sun.mv/215775 އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ފާއިޒެވެ. އޭގެކުރިން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ބޭއްވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ