އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ސަރުކާރުން ނަގަނީ އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ސަރުކާރުން ނަގަނީ

އަބޫދާބީ ފަންޑުން 100 މިލިއަނަށް ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ލޯނު ނަގަނީ ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ނަމުގަ އެވެ. އެ ލޯނާ ބެހޭގޮތުން ސަރުކާރުން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަބޫދާބީ ފަންޑުން ނަގާ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެކުވެރި އަރަބި ދައުލަތަށް ފުރުމަށް ނިންމާފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް މައުލޫމާތު ދިނެވެ.
ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ނަމުގައި އަބޫދާބީ ފަންޑުން ނަގަނީ ސީދާ ކިހާވަރެއްގެ ލޯނެއްކަން އަދި އެ ލޯނު ނަގަނީ ކިހާވަރެއްގެ އިންޓްރެސްޓެއްގައިކަމެއް މިހައިތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި ނަގާ އަދަދު 100 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަން ސަރުކާރުން ތައްޔާރުވެފައި މި ވަނީ، މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި އެކަމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް 300 މިލިއަން ޑޮލަރު ނެގުމުގެ މަޝްވަރާތައް ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި ކުރެވިފައި ވަނިކޮށެވެ.
މުއިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އޭގެ ތެރެއިން ދަރަނި ދެއްކުމަށް މި އަހަރު 12.9 ބިލިއަން ރުފިޔާ ހޭދަވާނެކަން ބަޖެޓު ފޮތުން އެނގެ އެވެ. ހަމައެކަނި އެޕްރީލް މަހުގެ ތެރޭގައި ވެސް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެ އެވެ.
އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކަން ޖެހެނީ އެޕްރީލް 8، 2026 ގަ އެވެ. އަދި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑަށް ފައިސާ ދައްކަން ޖެހޭ މުއްދަތަކީ އެޕްރީލް 26، 2026 އެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ދަރަންޏާއެކު މި އަހަރު ދަރަނި ދެއްކުމަށް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެ އެވެ.
އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް އެޕްރީލް 2021، ގައި ވިއްކީ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ޖީއެމްއާރަށް ފައިސާ ދައްކާށާއި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ވިއްކި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" ރީފައިނޭންސް ކުރުމަށާއި ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ގެއްލުމުން ހަރަދުތައް ފޫބެއްދުމުގެ ގޮތުންނެވެ.
ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ.
ދަރަނިތައް ދައްކާނެ ފައިސާ ހަމަޖައްސަން ސަރުކާރުން ނަގަން މަސައްކަތް ކުރާ ލޯނު ދޫކުރަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަނީ ވަރަށް ބޮޑު އިންޓްރެސްޓެއް ހުށަހަޅައިފަ އެވެ.
މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ކާގިލްސްއިން ވަނީ ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ހުށަހެޅުމާ ސަރުކާރުން އަދި ގޮތެއް ނުނިންމާ ވަނީ އިންޓްރެސްޓު ރޭޓު ބޮޑުކަމުންނެވެ. ރޭޓު ބޮޑު ކަން ކަށަވަރު ކުރެވުނު ނަމަވެސް ސީދާ ރޭޓަކީ ކޮބައި ކަމެއް ކަަށަވަރު ކުރެވޭ ގޮތެއް ނުވެ އެވެ.
ކާގިލްގެ ލޯނު ހުށަހެޅުމާ މެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނާ ގޮތުގައި އިންޓްރެސްޓު ރޭޓު އުޅެނީ 15 ޕަސެންޓުގަ އެވެ. މި އަދަދު ހިއްސާކުރި އެއް އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ