ދަރަނި ދައްކަން 15 ޕަސެންޓް އިންޓްރެސްޓްގައި އިތުރު ދަރަނި ނަގައިފި ނަމަ، ހާލަތު މާ ގޯސްވާނެ: ޒަރިޔަންދު

ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރަން 15 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި އިތުރު ބޮޑު ލޯނެއް ނަގަން ކަމަށާއި އެހެން އެކަން ކޮށްފިނަމަ ހާލަތު މާ ގޯސްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ. މި އަހަރު ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ. އަދި، އެ މަހު ދައްކަންޖެހޭ އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް އެބައޮތެވެ. ޒަރިޔަންދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދައްކަން އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓްގައި 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ރާވާފައިވާ ކަމަށެވެ. އޮޑިޓްކުރުމާއި މާލީ ދާއިރާގައި ގިނަ ދުވަސްވަންދެން މަސައްކަތްކުރެއްވި ޒަރިޔަންދު ވަނީ ބާކީ ފައިސާ ހަމަޖައްސަން ރާވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދަރަނި ނަގައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ. https://x.com/zariyand/status/2011349621608759305 "[އޭރުން] މި ވަގުތަށް ޑިފައުލްޓް ނުވެ ހިފެހެއްޓިދާނެ،" އޭނާ ވިދާޅުވިއެވެ. "ނަމަވެސް މި ހަމައިން ކަންކޮށްފިނަމަ، ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ، އާއްމު މީހާ ބޭންކްގައި ބަހައްޓާ ސޭވިންސް ވެސް ދަރަނި އަދާކުރުމަށް ބޭނުންކުރެވެނީއެވެ،" ޒަރިޔަންދު ވަނީ ސިންގަޕޫރުގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ކާގިލްސްގެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކާގިލްސްގެ ބޭފުޅުން ރާއްޖެއަށް ވެސް ޒިޔާރަތްކޮށްފައިވާ ކަމަށާއި ބެލެވެނީ އެ މީހުން އަތުން 15 އިންސައްތައިގެ އިންޓްރެސްޓްގައި ދަރަންޏަށް 300 މިލިއަން ޑޮލަރު ނަގަން އުޅޭ ކަމަށް ކަމުގައެވެ. ޖުމުލަ 500 މިލިއަން ޑޮލަރު އޭޕްރީލް މަހު ދައްކަންޖެހޭއިރު، އެ ފައިސާ އަދާކުރަން ބީއެމްއެލްއިން ސަރުކާރަށް ލޯނެއް ދޭން އުޅޭ ކަމަށް ޒަރިޔަންދު ކުރެއްވި ތުހުމަތާ ގުޅިގެން މިހާތަނަށް ބީއެމްއެލްގެ ބަހެއް ލިބިފައެއް ނުވެއެވެ. ސަރުކާރުން ވެސް މިހާތަނަށް އެ ކަމާ ގުޅޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ. https://sun.mv/214283 އެކަމަކު، 15 އިންސައްތަ އިންޓްރެސްޓްގައި ކާގިލްސްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ރާވާ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކްސް އެކައުންޓުން އެ މަނިކުފާނު ވެސް މީގެ ކުރިން ހިއްސާކުރައްވާފައިވެއެވެ. އެ މަނިކުފާނު ވަނީ އެއީ މާ ބޮޑު އިންޓްރެސްޓެއް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިން 2022 ވަނަ އަހަރު ކާގިލްސްއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ 7.15 އިންސައްތައިގެ އިންޓްރެސްޓްގައެވެ. އޭގެ ފަހުން މި ސަރުކާރުގައި ނޮވެންބަރު 2024 ގައި ވެސް ކާގިލްސްއިން އެސްޓީއޯއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް 13.13 އިންސައްތައިގެ އިންޓްރެސްޓްގައި ނެގިއެވެ. ތިން އަހަރުން ދައްކާ ގޮތަށް އެ ލޯނު ނެގީ ޒަރޫރީ ތަކެތި އެތެރެކުރަން ބޭނުންވާ ފައިސާ ހަމަޖައްސާށެވެ. އެހާ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދަރަނި ދައްކަން ބޮޑު ދަރަންޏެއް ނަގައިފިނަމަ، މި ވަގުތު ޑިފޯލްޓުނުވި ނަމަވެސް ދައުލަތުގެ ޖުމުލަ ދަރަނި ހައްތަހާ ބޮޑުވާނީއެވެ. https://sun.mv/210775 ސަރުކާރުން މިދިޔަ އަހަރު ވެސް ބުނެފައިވަނީ މަސައްކަތްކުރަނީ އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ އެއްބައި ރީފައިނޭންސްކުރަން ކަމުގައެވެ. މާނައަކީ އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ދެއްކުން ފަސްކުރާނީއެވެ. އެކަމަކު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރާށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންވިޔަސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ