ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރު ހިއްކަައި ނިމިއްޖެ

ރަސްމާލޭގެ ސައިޓް އޭގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް މުޅިން ނިމިއްޖެ އެވެ.ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސައިޓް އޭގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފެށީ، ޑިސެމްބަރު މަހުގެ 1ވަނަ ދުވަހު އެވެ. މަސައްކަތް އަވަސް ކުރުމަށްޓަކައި މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ. ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކަ އެވެ.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިއުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ