40 މީޑިއާއަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފި

އަމިއްލަ 40 މީޑިއާއަކަށް ދައުލަތުން، 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފިއެވެ. މާލީ އެހީ ހޯދަން ކުރިމަތިލި، 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. އެ މީޑިއާތަކުން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ ފަހުން، އެއް ކުންފުންޏަކުން ހިންގާ ދެ ހުށަހެޅުމެއް އޮތުމުން، އެ ކަންބަލައި، ލިސްޓުން މީޑިއާއެއް ވަނީ އުނިކޮށްފައެވެ. އެހެންވެ، ދައުލަތުގެ ބަޖެޓުން މާލީ އެހީ ލިބޭނެ ކަމަށް ކަނޑައެޅީ 40 މީޑިއާއަކަށެވެ. ޔޫތު މިނިސްޓްރީން މިއަދު ބުނީ، އެ މީޑިއާތަކަށް 27.29 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޖަމާކޮށްދީފައިވާ ކަމަށެވެ. މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އަމިއްލަ 40 މީޑިއާ އަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ މިނިސްޓްރީން ބުނީ، އެއީ، އަމިއްލަ މީޑިއާތައް ބާރުވެރިކުރުވުމަށާއި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވުނު އެހީއެއް ކަމަށެވެ. ސާޅީސް މީޑިއާ އަކަށް ފައިސާ ދިންއިރު، އެންމެ ފުރަތަަމަ މިދިޔަ އޮކްޓޫބަރު 29ގައި ވަނީ، ދައުލަތުގެ ބަޖެޓުން 18 މީޑީއާއަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށްފައެވެ. އެކަން އިއުލާނުކޮށް ނެރުނު ލިސްޓާއެކު، ފާޑުކިޔުން އަމާޒުވިއެވެ. އެއީ، އެ ލިސްޓު އެކުލަވާލީ، ކުރު މުއްދަތެއްގައި، ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ. އަދި، ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ. https://sun.mv/215515 ފަހުން، މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހަވާލުކޮށްގެންނެވެ. މީޑިއާތަކަށް ބަޖެޓުން ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ފާހަގަކުރެވޭ ގޮތުގައި، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކުރާތީ، ސޯޝަލް މީޑިއާގައި އިދިކޮޅު ފިކުރުތަކުގެ ބައެއް ސިޔާސީ މީހުން ވަރަށް ފަހުން ވަނީ ފާޑުކިޔާފައެވެ. އޭރު ގިނަ ބަޔަކު ނުރުހުން ފާޅުކުރީ، ބޭސް ނުލިބޭ މައްސަލައާއި ދަރިވަރުންގެ ފައިސާގެ ކަންކަން ލަސްވާ މައްސަލަ ބޮޑުވެފައި އޮއްވައި ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭތީ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ