ވާދޫގެ ފަރުމައްޗަށް ލޭންޑިންކްރާފްޓެއް އަރައި، ފަރަށް ގެއްލުން ވެއްޖެ

ގދ. ވާދޫގެ ފަރު މައްޗަށް ލޭންޑިންކްރާފްޓެއް ރޭގެ ވަގުތެއްގައި އަރައި، އެ ރަށުގެ ފަރަށް ގެއްލުންވެއްޖެއެވެ. 'ފޭސްބުކް'ގައި "މި މީހާ"ގެ ނަމުގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ، ވާދުއަށް ލޭންޑިންކްރާފްޓެއް ފަރަށް އެރީ ރޭގެ ވަގުތެއްގައި ކަމަށް ބުނެފައެވެ. 'ސަން'އިން ސުވާލުކުރުމުން ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުالله މިއަދު ވިދާޅުވީ، ލޭންޑިންކްރާފްޓް މިހާރު ފުންކުރެވިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި ލޭންޑިންކްރާފްޓް އެ ރަށު ފަރަށް އެރީ ބަލަންޖެހޭ ވަރަށް ނުބެލުމުން ކަމަށެވެ. ނެރުބައްތިއެއް ނެތް ކަމުގައިވިޔަސް އެސްޓީއޯގެ ތެޔޮ ބޯޓާއި ބައެއް އެހެނިހެން އުޅަނދުފަހަރު ވެސް ވާދުއަށް ވަދެ، އެއްޗެހި ބަހައްޓާކަމަށް އޭނާ ވިދާޅުވިއެވެ. "ފެނުނު ފޮޓޮއިން ބަލައިކަމުގައިވާ ނަމަ އެއީ ލައިސަންސް ދީފަ އޮތް ރަނގަޅު ކެޕްޓަނަކަށް ވަންޏާ އަދި ނެރުބައްތިއެއް ނެތް ކަމުގައިވިޔަސް ވެސް ބަލަންވާނެ އެތާނގައި އެހެން ކަހަލަ ގޮތަކަށްވެސް އަލި އަރުވާ ކަހަލަ ކޮންމެ ވެސް ކަހަލަ ވަސީލަތެއް އޮތްތޯ ނެތްތޯ،" ޙަސަން ވިދާޅުވިއެވެ. ޙަސަން ވިދާޅުވީ، ވާދޫގެ ފަރުގެ ބޮޑު ބައެއް މަރުވެފައި އޮތް އިރު، ފަރު ހެދިބޮޑުނުވާ ކަމަށެވެ. އެހެންކަމުން ލޭންޑިންކްރާފްޓް ފަރަށް އެރި ހާދިސާގެ ކަންކަން ބަލައި، ކަމާބެހޭ ފަރާތްތަކާ އެކަން ހިއްސާކުރާނެ ކަމަށް، ޙަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ