ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ރައްކާތެރިކަން ލިބިގެންވާ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖެއިން އިސްކަންދޭ ކަމެއްކަމަށް އެޓާނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ މުރާޖައާ ސެޝަން ހުށަހަޅައި ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެންކަން ކަށަވަރުކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ކަންކަމުގައި އެކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ހަމަ އެބީދައިން އިސްކަންދޭ ކަންކަން ކަމަށް ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްޤީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުޢާހަދާއެއްކަން ފާހަގަކުރައްވައި، ބަންޑާރަ ނައިބު ވަނީ، ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިޙްތިރާމްކުރާ، އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ.
މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި، ބަންޑާރަ ނައިބުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނޭ ކަމަށެވެ.
ކުދިން ބޮޑުވަނީ ރައްކާތެރިކަން ލިބިގެންވާ މާހައުލެއްގައިކަން ކަށަވަރުކުރަން ރާއްޖެއިން އިސްކަންދެން: ބަންޑާރަނައިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ