ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުގެ ތެރެއިން އިންޑިއާގެ ގާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޯމް ބިރްލާއާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ނިއުދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޮންފަރެންސެއް ރާވާ އިންތިޒާމުކުރުމަކީ ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސާބާއިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް އަބްދުއްރަހީމް މަޝްވަރާކުރެއްވި އެވެ.
ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ އިންޑިއާ ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީން ކުރުމުގައި ލޮކްސަބާގެ ޕާލިމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރު ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފަ އެވެ.
ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރުމަށް އިންޑިއާއިން ތައްޔަރަށް އޮތް ކަމަށް އޯމް ބިރްލާ ވަނީ ވިދާޅުވެފަ އެވެ.
ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރު ނިމޭނީ މާދަމާ އެވެ.
މިއީ އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް އަބްދުއްރަހީމް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ގައުމަށް ވަޑައިގެންނެވި އެވެ.
އަބްދުއްރަހީމް އާއި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި އަބްދުއްރަހީމް އާއި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ