ޒަކާތު ކައުންސިލްގެ މަސައްކަތް ފަށައިފި

ޒަކާތުގެ ގާނޫނުގެ ދަށުން ރައީސް އުފައްދަވާފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް ހަރުދަނާކަމާއެކު އަމަލީ ގޮތުން ފެށުމާ ގުޅޭގޮތުންނެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ.ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.ޒަކާތުގެ ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުޞަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ގާނޫނުގެ މަގުޞަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ