މަޖިލީހުގެ ރައީސް ރައީސް އަބްދުއްރަޙީމް، އިންޑިއާގެ ލޮކް ސަބާގެ ރައީސާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިންޑިއާގެ ލޮކް ސަބާގެ ރައީސް އޯމް ބިރްލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް މި ބައްދަލުވުމެއްގައި، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ރައީސުން ވަނީ މަޝްވަރާކުރައްވާފައެވެ. ކޮމަންވެލްތު ގައުމުތަކުގެ ޕާލަމެންޓްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ މަޖިލިސް ރައީސް ވަނީ ރާއްޖެއަކީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މަޖިލީހުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، އިންޑިއާގެ ޕާލަމެންޓުން ބޭނުންކުރާ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކާއި، ގާނޫނީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ތަޖުރިބާ ބަދަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ދެފަރާތުގެ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ، ވަރަށް ގާތް އަދި އިތުބާރު ހިފޭ ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ދިފާއީ ދާއިރާއިންނާއި ސަލާމަތީ ކަންކަމުގެ އިތުރުން އުމްރާނީ ތަރައްގީގައި އޮތް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާގެ ޕާލަމެންޓުން ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސާއި، ވަގުތުން ވަގުތަށް ބަސް ތަރުޖަމާކުރާ ނިޒާމުތަކާއި، ޑިޖިޓަލް ޕާލަމެންޓް މަސައްކަތްތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ