އައްޑޫގެ ޒަމާންވީ ކަރަންޓުގެ މައްސަލައަށް ނިމުން ގެންނާނެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހަައްލު ކުރުމަށްޓަކައި، އެކަމަށް ބޭނުންވާ އެއްބަސްވުމުގައި މިއަދު ހަވީރު ސޮއި ކުރެވިފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.
ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ”ގްރޭޓަރ އައްޑޫ ސިޓީ- މާލެ“ ޖަލްސާގައި ވާާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަމަކަށް ކަރަންޓުގެ މައްސަލަ ވާނެ ކަމަށެވެ. މި މައްސަލައަކީ އެމަނިކުފާނުގެ ވެރިކަމުގައި އެ ސިޓީއަށް ދިމާވާން ފެށި މައްސަލައެއް ނޫންކަން ރައީސް ފާހަގަަކުރެއްވިއެވެ. އަދި މިއީ އެތައް ދައުރެއް ވޭތުވެދިޔައިރު ވެސް ހައްލު ނުކުރެވި އޮތް ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އަބަދުވެސް ހައްލު ކުރާ ވާހަކަ ދައްކަމުން އައި ކަމެއް. މިދިޔަ ސަރުކާރުގެ ޒަމާނުގައި ވެސް މި މައްސަލަ އޮތް. އެހެންނަމަވެސް ހައްލެއް ނުވޭ. ކައުންސިލްގެ މެޖޯރިޓީ އޮތް. މަޖިލީހުގެ މެޖޯރިޓީ އޮތް.“ ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ގެންނަނީ، ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތާއިއެކު، ދަރަނިތައް ވެސް ދައްކަމުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”26 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމް، އިރާދަކުރެއްވިއްޔާ، މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވިގެންދާނެ.“ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ނިމުން ގެންނައުމާ ގުޅޭ އެއްބަސްވުމުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަންނަ އަހަރުގެ ޖުލައިމަހާ ހަމައަށްދާއިރު، މި މަޝްރޫއު މުޅިން ނިމި، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިފަދަ މުހިންމު އެތައް ކަމެއް ސަރުކާރުން ކުރަމުންދާއިރު، މިކަންކަމަށް އެއްބާރުލުން ދިނުމަށްޓަކައި މި އަންނަ މަހު 4 ވަނަ ދުވަހު ނަގާ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ