ފުވައްމުލަކަށް ގެންދިޔަ އޭޓީއެމެއް ގެންގޮސްފި!

ފުވައްމުލަކުގައި ބަހައްޓަން ގެންދިޔަ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އޭޓީއެމް މެޝިނެއް އަނބުރާ މާލެ ގެންދިއުމާ ގުޅިގެން އެ ސިޓީގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އެ މެޝިނަކީ މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުކަށް ކުރެއްވި ދަތުރާ ދިމާކޮށް އެ ސިޓީގައި ބަހައްޓަން ގެންދިޔަ މެޝިނެކެވެ. ރައީސްގެ އެ ދަތުރުގައި ފުވައްމުލަކުގައި ޑޮލަރު އޭޓީއެމެއްގެ ހިދުމަތް ފައްޓަވައި ދެއްވި އެވެ.
ނަމަވެސް އެ ސިޓީ އަށް ގެންދިޔަ މެޝިނެއް އިއްޔެ ވެހިކަލަކަށް ލައިގެން ބަނދަރަށް ގެންގޮސް، އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ފުވައްމުލަކުގެ އެކި މީސްމީހުން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައި ވައުދެއްގެ ދަށުން ބީއެމްއެލުން މިދިޔަ އަހަރު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފަ އެވެ. ފުވައްމުލަކަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އޭޓީއެމްގެ ހިދުމަތް ލިބެމުން އަންނަ ސިޓީއެކެވެ.
ނަމަވެސް ރައްޔިތުންނަށް ފަސޭހަ ކުރަން އިތުރަށް ބަހައްޓަން ގެންދިޔަ އޭޓީއެމް އަނބުރާ ގެންދިޔަ ސަބަބެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ