"އާންމުކޮށް ގޭހުގެ އުނދަގޫވާ މީހުން، ކެންސަރުން ރައްކާތެރިވުމަށް އެންޑެސްކޯޕީ ހަދާ ޗެކްކުރުން މުހިންމު"

ކެންސަރުން ރައްކާތެރިވުމަށް، އާމުކޮށް ގޭހުގެ އުނދަގޫވާ ނަމަ، ޑޮކްޓަރަށް ދައްކައިގެން، އެންޑަސްކޯޕީ ހަދައި ސްކުރީން ކުރުން މުހިންމު ކަމަށް ކޮންސަލްޓަންޓް އިން އޮންކޮލޮޖީ ޑރ. މުޙައްމަދު އަމްރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ކެންސަރުގެ ހާލަތާއި، އެ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. އަމްރު ވިދާޅުވީ ކެންސަރުން ރައްކާތެރިވުމަށް ދުރާލާ ކުރެވިދާނެ ކަންކަން ވަރަށް ގިނަކަމަށެވެ. އޭގެތެރޭގައި ގަވައިދުން މެޑިކަލް ޗެކަޕް ހެދުން މުހިންމުކަމަށެވެ. ޑރ. އަމްރު ވިދާޅުވި ގޮތުގައި ހެލިކޯބެކްޓޯހައިލޯ، މިއީ ބަނޑުގެ މައިދާގައި އުފެދޭ ބެކްޓީރިއާއެކެވެ. މީގެ ސަބަބުން ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވައެވެ. ގޭސްވާ މީހުން ވަރަށް ގިނަ، އޭގެތެރޭގައި ތިބެދާނެ ގޭސްޓްރިކް ބޭސް ނަގާ މީހުން، ދޭތެރެއަކުން އެއްޗެއް ކާލާއިރަށް ގޭސްވާ، މިފަދަ ބޭބޭފުޅުން ޚާއްސަ ސަމާލުކަމެއް ދީގެން ކަމާއި ގުޅޭ ޑޮކްޓަރުންނަށް ދެއްކުން މުހިންމު އަދި މާބޮޑަށް އުނދަގޫ ވާނަމަ އެންޑަސްކޯޕީ ހަދައި، ސްކުރީން ކުރެއްވުން ރަނގަޅު، ގޭހަކީ އާންމު އެއްކަންތައް ކެންސަރަށް މަގުފަހިވާ، އެހެންވީމަ ގިނަދުވަހަށް ގޭހުގެ އުނދަގޫ ދެމިހުންނަ ނަމަ ކެންސަރަށް މަގުފަހި ވުމުގެ ފުރުސަތު ބޮޑު މީގެ އިތުރުންވެސް ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އަމްރު ވިދާޅުވެ ދެއްވިއެވެ. އެއްކަމަކަށް ފާހަގަކުރެއްވީ ބޭރުތެރެއިން ކާބޯތަކެތި ކެއުމުގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ ކާނާ ކެއުންމަށް އިސްކަން ދިނުމަށެވެ. އަދި ތާޒާ މޭވާ އާއި ތަރުކާރީ ކެއުމުގައި ބޭނުންކުރުމުގެ އިތުރު، ދުންފަތާއި، ދުފުމާއި، ދުރުހެލިވެ، ކަސްރަތު ކުރުން ގިނަ ކުރުން މުހިންމުކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ކެންސަރުގެ ހާލަތަށް ބަލާއިރު، ކެންސަރުގެ ފަރުވާތައް ރަނގަޅުވެ، ކުރިއަރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަރާފައިވާ ޔޫރަޕްގެ ހިސާބުތަކުގައި ކެންސަރުގެ ބަލިމީހުންނަށް ފަރުވާ ލިބެން ހުންނަނީ އެ މީހެއްގެ މާލީ ހާލަތަށް ބަލައިގެން ނަމަވެސް، ރާއްޖޭގައި ކެންސަރުގެ ގިނަ ފަރުވާތައް މިހާރު ރާއްޖެއިން ކުރެވެން ހުންނަ އިރު، ބޭރުން ފަރުވާ ކުރަން ޖެހޭ ހާލަތުގައި ވެސް، އާސަންދަ މެދުވެރިކޮށް ރަނގަޅު ހޮސްޕިޓަލްތަކުން ފަރުވާ ލިބިގަތުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮތްކަން ފާހަގަ ކުރެއްވިއެވެ. ޑރ. އަމްރު ފާހަގަކުރެއްވި ގޮތުގައި ކެންސަރުގެ ބަލި މީހުންނަށް ޑޮކްޓަރީ ފަރުވާގެ އިތުރަށް އެންމެ ބޮޑަށް ބޭނުންވާ ފަރުވާ އަކީ އާއިލާ އާއި މުޖުތަމަޢުގެ އަޅާލުމާއި އޯގާތެރިކަމެވެ. https://sun.mv/217545 އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ރެކޯޑުތަކަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފައެވެ. މި ހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފައެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ 2025 ވަނަ އަހަރަކީ ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނު އަހަރެވެ. އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސްއެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު ދަށްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ