ގއ.އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުން އެނގިގެންދިޔައީ ރައްޔިތުންގެ އޮތް ބާރުވެރިކަން ސަރުކާރުން ފޭރިގަނެފައިވާ މިންވަރުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފަށާފައިވާ "ހޭވައްލާ ތައްޔާރު" ކެމްޕެއިނުގައި ގއ އަތޮޅަށް ކުރި ޒިޔާރަތަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރަށްރަށުން މިހާރު އިވެމުންދާ އަޑަކީ، ލާމަރުކަޒީ ނިޒާމު ފުނޑާލަމުންދާތީ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ރަށްރަށުގެ އިގުތިސޯދުތައް ހުއްޓި ރައްޔިތުންގެ އަތްމަތި މިއިން ދުވަހަކު ދަތިނުވާ ވަރަށް ދަތިވެފައިވާކަން ރައްޔިތުންގެ ގާތަށްގޮސް އެމީހުންގެ ވާހަކަތައް އަޑުއަހާލުމުން އެނގޭކަމަށެވެ.
ފައްޔާޒް ވަނީ ރައްޔިތުންގެ ބާރުވެރިކަން އަލުން ހޯދައިދިނުމަށް އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ކައުންސިލް ވޯޓުގައި އެމް.ޑީ.ޕީ ގެ ކެނޑިޑޭޓުންނަށް ކާމިޔާބު ލިބޭނޭކަން ފާހަގަކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންތައް އެމްޑީޕީން އަތޮޅުތެރޭގެ ރަށްތަކުގައި ފަށާފައިވާއިރު، އެޕާޓީން ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާކަމަސް ތުހުމަތުކޮށްފައެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުން ވެރިކަންކުރާ ޕާޓީއަށް ވާގިވެރިވާކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
ގއ.ދަތުރުން އެނގުނީ ރައްޔިތުންގެ ބާރު ކަނޑުވާލައިފިކަން: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ