މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޓީބީގެ 152 ކޭސް ރިޕޯޓުކުރި

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޓީބީގެ 152 ކޭސް ރާއްޖޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ. މިއަދު ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރާއިރު، އެ ބައްޔަކީ "މައިކޯބެކްޓީރިއަމް ޓިއުބާކިއުލޯސިސް" ކިޔާ ބެކްޓީރިއާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. އާންމުކޮށް މި ބަލި ފުއްޕާމެއަށް ޖެހުނު ކަމުގައި ވީނަމަވެސް، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހެއެވެ. ޓީބީ ގައިން ގަޔަށް ފެތުރެނީ، ފުއްޕާމެއަށް ބަލިޖެހިފައިވާ މީހުންގެ ކުޅުން ޖަރާސީމު ފެންނަ ނަމަ، އެމީހުންގެ ފަރާތުން އެކަންޏެވެ. https://sun.mv/219608 ދެ މީހަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިގޮތުން، އެ ބަލި ފެތުރެނީ އެ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހިއަޅައި ނުވަތަ ކުޅުޖަހާއިރު ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް، އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާދީ އެޗްޕީއޭއިން ބުނި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި 10.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި އޭގެތެރެއިން 1.2 މިލިއަން މީހުން ޓީބީގައި މަރުވެފައިވާ ކަމަށެވެ. އެއާއެކު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޓީބީގެ 152 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ދުނިޔޭގައި ޓީބީ ފެތުރިފައިވާ މިންވަރަށް ރިއާޔަތްކޮށް، އެ ބަލި ނައްތާލުމަށްޓަކައި 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އެސަމްބްލީން ވަނީ، "އެންޑް ޓީބީ"ގެ ނަމުގައި ޚާއްސަ ސްޓްރެޓެޖީތަކެއް ކަނޑައަޅާފައެވެ. އެޗްޕީއޭއިން ބުނީ، އެ ނިންމުމާ އެއްގޮތަށް ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ޓީބީ ބަލީގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ނެތް ގައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. މީހަކު މާސްކެއް އަޅައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ މިގޮތުން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، ފަންނީ އެކި ގައިޑްލައިންތައް ތައްޔާރުކުރުމުގެ އިތުރަށް ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ. ޓީބީ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން، ވަރުދެރަވުން، ހީކެރުވުން، އާދަޔާ ޚިލާފަށް ދާހިތްލުން، ހުންއައުމާއި މޭގައި ރިއްސުން، ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ކެއްސުން އަދި، ކެއްސާފައި އަންނަ ދަވައިގައި ލޭ ހުރުމެވެ. މި ބައްޔަށް ދެވޭ ފަރުވާއަކީ ހަ މަހުގެ މުއްދަތަށް ދެވޭ ފަރުވާއަކަށްވާއިރު، ފުރިހަމައަށް މި ބައްޔަށް ފަރުވާ ކުރެވިއްޖެ ނަމަ، މިއީ ފަސޭހަވާ ބައްޔެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތަރަކުން ފެށިގެން ރާއްޖޭގައި ވެސް ޓީބީއަށް ފަރުވާ ދެމުން އަންނަނީ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް އުސޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ