ނަދަމާގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި
އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް ނުވަތަ ނަދަމާގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. އައްޑޫ ސިޓީ ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ"ގެ ކުރީ ސަފުން ފެންނަ އެއް މޫނު ކަމަށްވާ ނަދަމާ ހައްޔަރުކޮށްފައިވަނީ އިތުރު އެހެން ބަޔަކާއެކު، ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ނަދަމާގެ ބަންދު މުއްދަތު އިތުރު ކުރުމުން، އެ ނިންމުން ނަދަމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމީ، ބަންދު އިތުރު ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު، ނަދަމާގެ ބަންދުގެ މުއްދަތު ޖެހި ޝަރީއަތް ސިއްރުކުރި މައްސަލައެއް އޭނާގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކުރިއެވެ. އެހެންނަމަވެސް އެކަން ކަށަވަރުނުވާ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. ހައިކޯޓުން މިއަދު ބަންދު މުއްދަތުގެ އިސްތިއުނާފު ނިންމުމުގެ ކުރިން، ނަދަމާ ހިމެނޭހެން ހައްޔަރު ކުރި ގްރޫޕުގެ ބަންދު އަލުންވަނީ އިތުރުކޮށްފައެވެ. އެ މީހުންނަކީ: އަލީ ނަދީމް (މައިލޯ ނަދަމާ)، ސ. ހިތަދޫ، ކޮންމުލި ހާފިޒު ފައުޒީ، ސ. ހިތަދޫ، ފަލާހް އިބްރާހިމް ސިރާޖު. ސ. ހިތަދޫ، ވެޔޮފެހެބުރުގެ ހަސަން އަލްފާފް. ސ. ހިތަދޫ، ދޮރުފޮތިމާގެ އަމީން މުޙައްމަދު، ސ. ހިތަދޫ، ކެކުރިމާގެ މިއަދު "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ފަސް މީހުންގެ ތެރޭ ހިމެނޭ ނަދަމާއާއި، ހާފިޒު ފައުޒީއާއި، އިބްރާހިމް ސިރާޖުގެ ބަންދަށް އިއްޔެ 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ހަސަން އަލްފާފާއި، އަމީން މުޙައްމަދުގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24ގައި ކޯޓަށް ގެންދިއުމުން އެ މީހުންގެ ބަންދަށް ވެސް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/216261 ފުލުހުން ބުނި ގޮތުގައި ނަދަމާ ހިމެނޭ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑުރަގު ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް މިދިޔަ އަހަރު ހަމަޖެއްސިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ