"ހިތަށް އަރާފާނެ ނޭވާލުމަކީ މާ ބޮޑު ކަމެއްހޭ ދެން. އެއީ ހަމަ އެންމެ ބޭސިކް ކަންތައް ނޫންހެއްޔޭ؟،" ވާހަކައިގެ ތައާރަފްގެ ތެރެއަށް ވަންނަމުން ހައްވާ ޝާހީން ބުންޏެވެ.
"އެކަމަކު ހަގީގަތަކީ އިންސާނާގެ ނޭވާއަކީ އޭނާގެ މުޅި ސިސްޓަމްކަން. އެކަން ކުރާ ގޮތް ބަދަލުކޮށް އަހަރެމެންނަށް ވަރަށް ގިނަ ކަންކަމުން އަރައިގަނެވޭނެކަން."
ޝާހީން ވަނީ އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ކޮށްފަ އެވެ. ދިރިއުޅުމުގައި ދިމާވި ބޮޑެތި ހިތާމަތަކުން އޭނާގެ ހަޔާތް އެފުށްމިފުށަށް ޖެހެމުން ދަނިކޮށް، އޭނާގެ އަތުގައި ހިފީ އޭގެ ކުރިން އަދި އަޑު ވެސް ނާހާ 'ބްރެތު ވޯކް'ގެ މައުލޫމާތެވެ. ނޭވާލާ ގޮތް ބަދަލުކޮށްގެން، އޭނާ މިހާރު ވަނީ އެކަންކަމުން އަރައިގަނެފަ އެވެ.
އެކި ގޮތްގޮތަށް ނޭވާ ބޭރުކޮށްގެން، ބޮލުތެރޭގައި ހުންނަ މާޔޫސީ ހިޔާލުތަކާއި ހިތްހަމަނުޖެހުމާއި ބުރަހެލިކަން ނެރެލުމަކީ ޒަމާނުއްސުރެ މީހުން ކުރާ ކަމެކެވެ. ޔޯގާ އާއި މެޑިޓޭޝަނަކީ އޭގެ ވައްތަރުތަކެކެވެ. އެކަމަކު ޝާހީނަށް ތައާރަފްވި، 'ބްރެތު ވޯކް' މުޅިން އެހެން އެއްޗެކެވެ.
އެއީ ވަކި ނިޔަތަކާ އެކު، ވަކި ގޮތަކަށް ނޭވާލައިގެން ނުވަތަ ބޭނުންކޮށްގެން، ތިމާގެ ހަށިގަނޑަށާއި ނޭވާގެ ނިޒާމާއި ސިކުނޑިއަށް ނުފޫޒު ފޯރުވުމެވެ. އޭގެ ސަބަބުން، އެ ނޭވާއިން ތިމާއަށް ހަމަޖެހުމާއި ނުވަތަ ބްލޮކްވެފައި ހުންނަ އިހުސާސްތަކާއި ސްޓްރެސްތައް ރިލީޒް ކުރެވެ އެވެ. 'ނާވަސް ސިސްޓަމަށް' ހަމަޖެހުން ގެނެވެ އެވެ.
ދެ ކުދިންގެ މަންމަ ހޯދީ މި ފަރުވާ އެވެ. އެކަމަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދެމުން ޝާހީން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު އޭނާގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވި ކަމަށެވެ. ބޮޑެތި ހިތާމަތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން، 2021 ވަނަ އަހަރު ހަގު ދަރިފުޅު ވިހެއުމަށް ފަހު 'ޕޯސްޓް ޕާޓަމް ޑިޕްރެޝަން'އާ ކުރިމަތިލާން ޖެހުނެވެ. ނަފްސާނީ ހާލަތު ގޯސްވެ، ބައެއް ފަހަރު ސިކުނޑި ހަމައިން ނެއްޓޭ ހިސާބަށް ދިޔަ އެވެ. އޭރު އޭނާއަށް ޑޮކްޓަރުން އިރުޝާދު ދިނީ 'އާޖެންޓް ތެރަޕީ' ނެގުމަށެވެ.
އެ ތެރަޕީތަކުން ޝާހީނަށް މާ ބޮޑު ފައިދާއެއް ނުކުރި އެވެ. އެއާ އެކީ އުޅެމުން ދަނިކޮށް ޖެހިގެން އައި އަހަރު، އޭނާގެ ދައްތަ ވަކިވީ އެވެ. ޝާހީންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ. ބަލިހާލަތުގައި އޮތް ނަމަވެސް އެ ދައްތައާ އެކު، އެންމެ ގިނައިން ވަގުތު ހޭދަކުރެވިފައިވަނީ ޝާހީނަށެވެ. އެހެންވެ، އުމުރުން 46 އަހަރުގައި ދައްތަ ވަކިވެގެން ދިޔުން އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.
"އޭގެ އަހަރެއް ފަހުން އަދި އަޅުގަނޑު އަލަށް ވެސް މަންމައާ ވަކިން، ވަކި ގެއެއްގައި އަމިއްލަ ދިރިއުޅުމެއް ފެށީ. ފިރިމީހާ އާއި ދަރިންނާއެކު އުޅުނު ނަމަވެސް ކުއްލިއަކަށް އަޅުގަނޑު ވަރަށް އެކަނިވާން ފެށި،" ޝާހީން ބުންޏެވެ.
"ވާ ގޮތެއް ނޭނގޭ. ވާ ގޮތް ބުނެދޭކަށް ނޭނގޭ. ހަމަ ރޮވެނީ."
ނޭވާގެ ހާއްސަ މައުލޫމާތުގެ މަތިން ކުއްލިއަކަށް އޭނާ ހިތަށް އެރީ އެ ދުވަސްވަރެވެ. އެއާ އެކު ރާއްޖޭން ބޭރުން މީހަކު ނަގައިދިން އެ ސެޝަންގައި އޮންލައިންކޮށް އޭނާ ބައިވެރިވި އެވެ. މާ ބޮޑު ކަމަކަށް އުއްމީދުކޮށްގެންނެއް ނޫނެވެ.
ޝާހީން ބުނި ގޮތުގައި، ފުރަތަމަ ނެގި ދެ ސެޝަނުން ވެސް ކުޑަކޮށް އެނގުންވި އެވެ. ބަރުވެފައިވާ ސިކުނޑިއަށް ކުޑަކުޑަ ލުޔެއް އިހުސާސްވި އެވެ. މީހާއަށް ހަމަޖެހުން ލިބި، ހިޔާލުތަކުން ދުރުވާން ފަސޭހަވި އެވެ. އެކަމަކު އެ ދެ ސެޝަނުގައި ވެސް އޭނާއަށް ވަކި ހިސާބަކުން ނިދުނީ އެވެ.
ހުރިހާ ކަމެއް ބަދަލުވީ ދެން ނެގި ސެޝަނުންނެވެ. ތިންވަނަ ސެޝަނާ އެކު އޭނާގެ އަސްލު މައްސަލައަށް ވާސިލްވާން ފެށި އެވެ. އެ ދުވަހު އޭނާއާ ކުރިމަތިލާން ޖެހުނީ، ދިރިއުޅުމުގައި ކުރީގެ ހިނގާފައި ހުރި ބޮޑެތި ހާދިސާތަކުގެ ހަނދާންތައް ނުވަތަ ޓްރޯމާތަކާ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން އޭނާ ހަނދާން ވެސް ނެތެވެ. އެކަމަކު ސިކުނޑީގައި އެ ރައްކާކުރެވިފައިވާކަން އެނގެން ފެށީ، ނޭވާލާން ފެށި ގޮތަކުން އެ ހަނދާންތައް އިއާދަވާން ފެށުމުންނެވެ. އޭނާއަށް އުނދަގޫކުރާ ހަނދާންތައް ފެންނަން ފެށި އެވެ.
އެ ދުވަހު އޭނާ ރުޔެވެ. ހަޅޭއްލެވި އެވެ. އޭނާއަށް ކުރިމަތިވަމުން އަންނަ ނަފްސާނީ މައްސަލަތައް އަސްލު ގުޅިފައިވަނީ އެ ހަނދާންތަކާކަން އެނގި، އެއާ އޭނާ ކުރިމަތިލި އެވެ.
އެ ދުވަހު ޝާހީންއާ އެކުގައި ހުރީ، އެއީ ޓްރޯމާގެ އަސަރުކަން ދަންނަ، 'ޓްރޯމާ އިންފޯމްޑް ފެސިލިޓޭޓަރެ'ކެވެ. އޭނާ ބުނި ގޮތުގައި، އެ ފަދަ ފެސިލިޓޭޓަރެއްގެ އެންމެ މުހިއްމު ބޭނުމަކީ އަނެއް މީހާ، ނޭވާލާ ގޮތުން އޭނާއަށް ހަނދާންތަކެއް އާލާވާކަން، ފެންނަކަން ފެސިލިޓޭޓަރަށް އެނގި، ދެން ހަދަންވާ ގޮތް ކިޔައިދިނުމެވެ އެވެ. ރޮއެގެން ނޫނީ ހަޅޭއްލަވައިގެން ވިޔަސް އިހުސާސްތައް ބޭރުކޮށްލަން ބޭނުމިއްޔާ، އެކަމަށް ވެސް އޭނާ މަރުހަބާ ކިޔާނެ އެވެ. އެއީ ވެސް ފަރުވާގެ ބައެކެވެ.
"އިންސާނާގެ ނޭވާއަކީ މުޅި ސިސްޓަމް. އަސްލު އަހަރުމެން ވިސްނާލާއިރު ހިތަކަށް ނާރާނެ އެޔެއް. މީ ދެން މާބޮޑު ކަމެއް ނޫނޭ ހިތަށް އަރަނީ،" ޝާހީން، 41، ކިޔައިދިނެވެ.
"އެކަމަކު އަސްލު ނޭވާލާ ގޮތާއި ލެވޭ ގޮތުން، ހަށިގަނޑުގައި ސާކިލޭޓްކުރާ ހުރިހާ ކަމެއް އެބަ ބަދަލުވޭ. ބްރެތު ވޯކްގައި ވަކި ގޮތަކަށް ނޭވާލާން މި ޖެހެނީ. ނޭވާ މެދުވެރިކޮށް، އެ ހަނދާންތަކާ ހަމައަށް ގެންގޮސްދީ، އެ ބޭރުކުރަން މި ފަހިކޮށްދެނީ."
ޝާހީން ބުނި ގޮތުގައި، އޭނާއަށް ކުރިމަތިވާ ނަފްސާނީ ހާލަތުގެ އަސްލު މައްސަލަ ދެނެގަނެވުނީ ނޭވާ މެދުވެރިކޮށެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް މި އުނދަގޫ ކުރަނީ، ހަޔާތުގެ އެކި ހިސާބުތަކުގައި ދިމާވެފައިވާ ބޮޑެތި ކަންކަމުގެ ހަނދާންތައް ނުވަތަ ޓްރޯމާކަން އެނގުނެވެ. އެ ހާދިސާތަކުގެ މަތިން ޝާހީން ނެތުނަސް، އެކަންކަން ސިކުނޑީގައި ރައްކާކުރެވިފައި ހުރީ އެވެ.
އޭނާ ކިޔައިިދިން ގޮތުގައި ޓްރޯމާ އަންނަނީ ހަމައެކަނި ގޯސްކަންތަކަކުން ނޫނެވެ. ކުޑައިރު ލިބިފައިވާ އަނިޔާއަކުން ވެސް އެ އުފެދިފައި ހުރެދާނެ އެވެ. ބޮޑުވަމުން އަންނައިރު އެހެން ކަމަކާ ގުޅުވައިގެން އެ ޓްރޯމާ ގަދަ ކުރަނީ އެވެ.
ޝާހީންގެ ވޭންތައް ހިއްސާކުރާނެ އިތުރު މީހަކު ނެތެވެ. ހުރިހާ ކަމެއް ހުރީ ރައްކާކޮށްގެން ނުވަތަ ފިއްތައިގެންނެވެ. އެކަމަކު ފަހުން އޭނާއަށް އެނގުނީ އެ ހުރިހާ ކަމެއް ވެސް އޭނާ ހިއްސާކުރީ ދައްތައާ އެކުގައި ކަމެވެ. ދިރިއުޅުމުގައި ދައްތައާ އެކު 37 އަހަރު ވޭތުކުރެވުނު އިރު، ބަހުން ނުބުނެވުނު ނަމަވެސް އެ ހުރިހާ ކަމެއް ދައްތައާ އެކު ހިއްސާކުރި އެވެ. ކުއްލިއަކަށް ދައްތަ ވަކިވުމުން އޭނާގެ ހާލަތު މާބޮޑަށް ގޯސްވީ އެވެ.
ޝާހީން ފަރުވާ ހޯދީ ނޭވާލާ ގޮތް ބަދަލުކޮށްގެންނެވެ. ފަރުވާގެ މާނައަކީ އެ ހަނދާންތައް ފަހުން އާ ވިޔަސް، އެއިން އުނދަގުލެއް ނުވަތަ ހިތާމައެއް ކުރިމަތިނުވުމެވެ. އެ ހަނދާންތަކާ ކުރިމަތިލާން އެނގުމެވެ.
ޝާހީން ބުނި ގޮތުގައި، މި ފަރުވާގެ ތެރެއިން އޭނާ ހެއްދެވި ފަރާތާ އޮތް ގުޅުން ވަރުގަދަވި އެވެ. ލާ ކޮންމެ ނޭވާއަކާ މެދު އެހެން ނަޒަރިއްޔާތަކުން ވިސްނުނެވެ. ކުޅަދުންވަންތަކަން އިހުސާސްވި އެވެ. ހަޔާތުގައި ދިމާވި ކޮންމެ ކަމެއް ވެސް ކުރިމަތިވެފައިވަނީ އޭގައި ހިކުމަތެއް އޮވެގެން ކަމާއި ކޮންމެ އުނދަގުލެއްގެ ފަހަތުގައި ފަސޭހައެއް ވާކަން އަމިއްލައަށް ތަޖުރިބާ ކުރެވުނެވެ.
"އެކަލާނގެ ބަލިތައް ކުރިމަތިކުރައްވަނީ އޭގެ ފަރުވާއާ ފަސޭހައާ އެކުގައި. އެ ފަރުވާ ހޯދަން އަންގަވާފައި އޮންނަނީ. މިއީ އަޅުގަނޑުގެ ނަފްސާނީ ހާލަތުގެ ފަރުވާ،" އޭނާ ކިޔައިދިނެވެ.
"އަޅުގަނޑަކީ ޕްރޮފެޝަނަލް ތެރަޕިސްޓެއް ނޫން. އެކަމަކު އަޅުގަނޑު މިދެނީ އޯލްޓަނޭޓިވް ހޮލިސްޓިކް ވެލްބީންގެ ފަރުވާ."
ޝާހީންގެ ހަޔާތަށް އައި ކުރިއެރުން، އެހެން މީހުންނާ ހިއްސާކުރަން ބޭނުންވި އެވެ. އެ ދާއިރާއިން ކޯސް ހަދައި، އޭނާ މިހާރު އަންނަނީ 'ނޭވާ ސްޓޫޑިއޯ'ގެ ނަމުގައި ހިދުމަތްތެއް ފަށައި، ސެޝަންތައް ދެމުންނެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން އޮންލައިންކޮށް، އެކަން ކުރިއަށް ގެންދާކަށް ގިނަ މީހުންނަށް ފަސޭހަ ނޫން ކަމަށް ބުންޏެވެ. އާއިލާއާ އެކު ކުދިކުދި ތަންކޮޅުގައި ދިރިއުޅޭއިރު، އެ މީހުންގެ ކުރިމަތީގައި އިހުސާސްތައް ބޭރުކުރަން ފަސޭހަ ނުވަނީ އެވެ. ހަނދާންތައް އަންނައިރު ބާރަށް ރޮއެ ގަންނަން ވެސް ނުކެރެނީ އެވެ.
އެ މީހުން އެކަން ކުރަން ބޭނުންވަނީ ހާއްސަ ވަކި ތަނެއްގައި، ޝާހީންގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އަގުބޮޑުކޮށް ތަނެއް ހިފައިގެން އެ ކަހަލަ ހިދުމަތެއް ފެށުމަކީ ވެސް ގޮންޖެހުމެކެވެ. ޝާހީން ބޭނުންވަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް، މީހުންނަށް ލުއި ލިބޭނެ ފަރުވާއެއް ހޯދައިދޭށެވެ.
"އެކަމަކު މިއީ އޮތް އަދި ހޯދޭނެ ފަރުވާއެއްކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ޝާހީން ބުންޏެވެ.
ޝާހީން ގަބޫލުކުރާ ގޮތުގައި އިންސާނާގެ ހާލަތާއި އޭނާލާ ނޭވާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ދުނިޔެއަށް އަންނަނީ ވެސް ނޭވާ އަކުންކަމާއި ދަނީ ވެސް ނޭވާއަކުން ކަމަށްވާތީ، މިއީ އިންސާނާ ވިސްނާ ފިކުރުކޮށް، އެއިން އިބްރަތް ހާސިލް ކުރަން ޖެހޭ ކަމެއްކަން އޭނާ ދެކެ އެވެ.
'އާ ނޭވާތަކަކުން' އުޖާލާ ދިރިއުޅުމަކަށް ޝާހީން ކުރި ދަތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ