އާޒިމް މަސައްކަތްކުރައްވަނީ ވަރަށް ދަތީގައި؛ ބޭނުންވަނީ އެއްބާރުލުންދޭނެ ބަޔަކު: ސޯލިހު

މާލޭ މޭޔަރުގެ ޒިންމާތައް އާދަމް އާޒިމް އަދާކުރައްވަމުންދަނީ ވަރަށް ދަތީގައި ކަމަށާއި ބޭނުންވަނީ އޭނާ ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުންދޭނެ ބަޔަކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޓިކެޓުގައި މިފަހަރުގެ އިންތިހާބުގައި ވެސް މޭޔަރުކަމަށް އާޒިމް ވާދަކުރައްވަ އެވެ. މޭޔަރު ކަމަށް ސޯލިހު ތާއީދުކުރައްވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އެމްޓީސީިސީގެ ސީއީއޯކަން އަދާކުރެއްވި އާޒިމަށެވެ.
މިވަގުތު މާލެ ކައުންސިލްގެ މެޖޯރަޓީ އޮތީ ވެރިކަންކުރާ ޕީއެންސީގަ އެވެ. އާޒިމް ފިޔަވައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ކައުންސިލުގައި މިވަގުތު ތިބެނީ އެންމެ ދެ މެމްބަރުންނެވެ.
ބުނީ ކީކޭ؟ - 'ހޭވައްލާ ތައްޔާރު' ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ، އާޒިމަކީ "ޓެސްޓު ކުރެވިފަ ހުރި ބޭފުޅެއް" ކަމަށެވެ. އަދި އާޒިމަކީ ހަވާލުކުރި ކޮންމެ ކަމެއް އެންމެ ފުރިހަމައަށް އަދާކުރެއްވި ހިދުމަތްތެރިއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް [އާޒިމް] ރެ އާއި ދުވާލު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަން އަޅުގަނޑު. ބޭނުންވަނީ އެ ބޭފުޅާއާ އެކު މަސައްކަތްކުރައްވާނެ ޓީމެއް. މިއަދު ވަރަށް ދަތީގައި އެ މަސައްކަތް ކުރައްވަނީ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، އެ ދަތިތަކާ އެކު ވެސް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު މާލޭ ސަރަަހައްދަށް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި އާޒިމްގެ އިތުރުން އެމްޑީޕީގެ ކައުންސިލަރުންނަށް ވޯޓުދެއްވުމަށް ސޯލިހު އެދިވަޑައިގަތެވެ. އޭރުން މާލޭ ސަރަހައްދަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް އޮތް ފަސް އަހަރުދުވަހަށް އާދަމް [އާޒިމް] ހޮއްވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ދާނީ،" ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ