ހަވާ އެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން، ކައުންސިލްގެ އަގު ވައްޓާލަން: އައްޑޫ ކައުންސިލް
އެމްއެންޑީއެފްގެ ކުންފުނި ސިފްކޯއިން ރޭ އައްޑޫ ސިޓީގައި ހަވާ އަރުވަން އިންތިޒާމުކޮށްފައި އޮތް ނަމަވެސް، ހެ ހަރަކާތް ކެންސަލް ކުރީ ސިޔާސީ ނުފޫޒުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަަދު ތުހުމަތުކޮށްފިއެވެ. އައްޑޫގައި ރޭ ހަވާ އަރުވަން އޮތީ 20:30ގައެވެ. އެއީ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމުގެ މުނާސަބަތާ ވެސް ގުޅުވައެވެ. ނަމަވެސް ހަވާއެރުވުމުގެ ހަރަކާތް ބާއްވައިފައިނުވާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، ހަވާއެރުވުން ކެންސަލްކޮށްފައިވާކަން އިއްޔެ ހަވީރު 17:45 ހާއިރު ސިފައިންގެ ކުންފުނި ސިފްކޯއިން އައްޑޫ ކައުންސިލަށް ފޮނުވި އީމެއިލްއަކުން ވަނީ އަންގައިފައެވެ. އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު، ފިތުރު އީދު ދުވަހު ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ކަމަށެވެ. އެއީ ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި އީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ބުންޏެވެ. https://x.com/AdduCityCouncil/status/2035263939786023367 އެ ބަޔާނުގައިވާ ގޮތުން، އެ ހަރަކާތް ދުރާލާ ރާވައި، ހަވާ އެރުވުމަށް ނިންމައި ހަވާ އެރުވުމުގެ މަސައްކަތް ސިފްކޯއާ ހަވާލުކޮށް، އެ މަސައްކަތަށް ކައުންސިލުން މީގެ ދެ މަސް ކުރިން ވަނީ ފައިސާ ދައްކައިފައެވެ. އެގޮތުން، އެ ތަނުގައި ހަވާ އެރުވުމަށް ބޭނުންވާ ބަޑިބޭހާއި އެހެނިހެން ސާމާނު ގެންގޮސް ތައްޔާރީތައް ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކައުންސިލުން ތުހުމަތު ކުރި ގޮތުގައި، ފަހު ވަގުތުގައި ހަވާ އެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒެއްގެ ސަބަބުންނެވެ. "އީމެއިލްގެ ޒަރިއްޔާއިން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހަވާ އެރުވެން ނެތް ކަމަށް ބުނެ، ސިފްކޯއިން އެއްބަސްވުމާ ޚިލާފަށް އެ ތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގު ވައްޓާލުމަށް ކަމަށް ކައުންސިލުން ދެކެމެވެ." އެ ބަޔާނުގައިވެއެވެ. ކައުންސިލުން ވަނީ، އެކަމަކީ އެމްއެންޑީއެފް ފަދަ، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭން ޖެހޭ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. އަދި ހަވާ އެރުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ސިފްކޯގެ އެ ބޭއިންސާފު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ. ހިތަދޫ ސެންޓްރަލް ޕާކު ތަރައްގީކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024ގައެވެ. އެ ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި 2،000އަށްވުރެ ގިނަ މީހުންނާއި ކުޑަކުދިން ބައިވެރިވި ކަމަށް ކައުންސިލުން ރޭ ބުނެފައިވެއެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ވަނީ އެ ރަސްމިއްޔާތަށް ގިނަ ކުދިން ދިޔައީ ހަވާ އަރުވާ މަންޒަރު ފެންނާނެ ކަމަށް އުއްމީދު ކޮށްގެން ކަމަށާއި، އެ މަންޒަރު ނުފެނުމުން އެ ކުދިން ދެރަވި ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ