އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ޖަޕާނަށް ދީފި

މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން، މުހިންމު ހޮރްމޫޒް ކަނޑުއޮޅި ވަކި ބަޔަކަށް ބަންދުކުރުމުގެ ސިޔާސަތެއް އީރާނުން ގެންގުޅޭކަން ހާމަކޮށް، ޖަޕާނުގެ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ދުޝްމަން ނޫން ގައުމުތަކަށް އެ ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފަ އެވެ.
"އަޅުގަނޑުމެން ކަނޑުއޮޅި ބަންދެއް ނުކުރަން. އެތަން ބަންދުކޮށްފައިވަނީ ހަމައެކަނި އަޅުގަނޑުމެންގެ ދުޝްމަނުންގެ އުޅަނދުފަހަރަށް. އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ،" ޖަޕާނުގެ ކިޔޯޑޯ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
އީރާނުން އެ ގައުމުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި، މިދިޔަ މަހުގެ 28ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ވަނީ ބޮޑު ބައެއް ބަންދުވެފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.
ފާއިތުވި ދުވަސްތަކުގައި ޗައިނާ، އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގެ މަދު އުޅަނދުތަކަކަށް އީރާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. ކަނޑުދަތުރުފަތުރުގެ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ހުއްދަ ދޭ އުޅަނދުތައް ބަލައި ޗެކްކުރާނެ ނިޒާމެއް އީރާނުން ގާއިމުކުރަމުންދާއިރު، ރައްކާތެރި ކޮރިޑޯއެއް މިހާރު ދަނީ އުފެދެމުންނެވެ.
ޖަޕާނަކީ އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ %90އަށް ވުރެ ބޮޑު ބައެއް މެދުއިރުމަތިން އެތެރެކުރާ ގައުމަކަށް ވުމުން، ގަލްފު ސަރަހައްދުގައި ތާށިވެފައިވާ އެ ގައުމުގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް ތެހެރާނާ އެކު ދަނީ މަޝްވަރާ ކުރަމުންނެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، ޔޫރަޕްގެ ގައުމުތަކާއި ޖަޕާން ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ކަނޑުއޮޅި އަލުން ހުޅުވުމަށް ގުޅިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ބައެއް ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނާ އެކު ސީދާ މަޝްވަރާތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ