އީރާނާއި އިޒްރޭލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާ އަދި މުހިންމު އިންފްރާސްޓްރަކްޗާތަކަށް ހަމަލާތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން ނިންމާލުމާ މެދު ވޮޝިންޓަނުން ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަސައްކަތްތައް ނިންމާލުމަށް ވިސްނާއިރު، ކަނޑައެޅިފައިވާ މަގްސަދުތައް ހާސިލްވުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެހެން ގައުމުތަކުން އުފުލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓަން ޖެހޭނީ އެތަން ބޭނުންކުރާ އެހެން ގައުމުތަކުން. އެމެރިކާއަކުން އެކަމެއް ނުކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ހަތަރު ހަފުތާއަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގައި މިހާތަނަށް އީރާނުން 2,000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މީގެ ސަބަބުން ތެލުގެ އަގު ވަނީ ގާތްގަނޑަކަށް %50 އުފުލިފަ އެވެ.
އީރާނުގެ ނަޓާންޒް ނިއުކްލިއާ މަރުކަޒަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވީ ނަމަވެސް، އެއްވެސް ވަރަކަށް ރޭޑިއޭޝަން ބޭރުވެފައި ނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އިޒްރޭލުން ބުނީ އެފަދަ ހަމަލާއެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ހަމަ އެއާ އެކު، އިޒްރޭލުގެ ފައުޖުތަކުން އީރާނާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްދާއިރު، އީރާނުން ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މީގެ އިތުރުން، ރާއްޖެ ކައިރީގައި އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ-އިނގިރޭސި އަސްކަރީ ބޭހަކަށް އީރާނުން ރޭ ފަތިހު ހަމަލާތަކެއް ދިންކަމުގެ ރިޕޯޓުތައް ލިބޭއިރު، އެ ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ބޮޑު ބައެއް ބަންދުވެފައި އޮތުމުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ޔޫރަޕްގެ ގޭސް އަގުތައް މި ހަފުތާގައި ވަރަށް ބޮޑަށް އުފުލިފައިވާއިރު، އެމެރިކާއިން ވަނީ ވަގުތީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީ، އީރާނުގެ 140 މިލިއަން ފީފާ ތެޔޮ ވިއްކުމުގެ ހުއްދަ ދީފަ އެވެ.
ހަމަލާތައް މަދުކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ވާހަކަދެއްކެވި ނަމަވެސް، އެ ސަރަހައްދަށް އެމެރިކާގެ އިތުރު ސިފައިން ފޮނުވުން އަދިވެސް ކުރިއަށްދެ އެވެ. އަދި އެމެރިކާގެ ބައިވެރިން ތިބީ މިކަމުގައި ބައިވެރިވުމާ މެދު ފަރުވާތެރިކަމާ އެކު ވިސްނާށެވެ.
އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ ވަނީ، އީރާނުން ދުޝްމަނުންނަށް "ދެނެގަންނަން އުނދަގޫ ވަރުގަދަ ހަމަލާއެއް" ދީފައިވާ ކަމަށް ވިދާޅުވެ، ހަރުކަށި އިބާރާތުން ވާހަކަދައްކަވާފަ އެވެ.
އީރާނު ހަނގުރާމަ ނިންމާލަން ވިސްނަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ