ލޯންޗު ބަންޑުން ޖަހާލީއެއް ނޫން، މަސްތުވެގެން އިން މަހުޖަނު ބާރަށް ދުއްވަނިކޮށް މީހުން ކަނޑަށް ވެއްޓުނީ: ކައުންސިލް

ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލީ ނޫން ކަމަށާއި، އެއީ އިންޑިއާގެ މަސްތުގައި ހުރެގެން ބާރު ސްޕީޑުގައި ލޯންޗު ދުއްވަނިކޮށް ބަޔަކު ކަނޑަށް ވެއްޓިގެން ހިނގި ހާދިސާއެއް ކަމަށް، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިއަދު ތުހުމަތުކުރައްވައިފިއެވެ. ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ބުނީ، އެ ލޯންޗުގައި އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނުއިރު، އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ އެ ހާދިސާގައި އަނިޔާވި އެކަކަކީ ސިންހާނިއާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އޭނާގެ ތަރުޖަމާނާ ހަވާލާދީ، އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ އިންޑިއާގެ މުމްބާއީއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާއާއި ގުޅޭ ގޮތުން ޝުޖާއު 'ސަން'އަށް ވިދާޅުވީ، އެ ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުން، ލޯންޗު ދުއްވަން އިނީ ސިންހާނިއާކަން އެނގޭ ކަމަށެވެ. ބަންޑުން ޖަހާލި ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރަނީ--- އެ ލޯންޗު ބަންޑުންޖާލީ ނޫން ކަމަށާއި މަސްތުގެ ހާލަތުގައި ތިބެ އާދަޔާ ޚިލާފަށް ބާރަށް ލޯންޗު ދުއްވައި، 'ޑްރިފްޓް' ޖެއްސުމުގެ ތެރޭގައި އޭގައި ތިބި މީހުން ކަނޑަށް ވެއްޓުނީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ލޯންޗު ގަޑިއަކު 72 މޭލު ބާރަށް ދުއްވާފައި ވާކަަމަށާއި އެއީ އަތޮޅުތެރޭގައި ދުއްވާ ލޯންޗުތައް ދުއްވާ ބާރު މިނުގެ ދެގުނަކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަތޮޅުތެރޭގައި ދުއްވާ ސްޕީޑް ލޯންޗުތައް ވެސް އެންމެ ބާރުކޮށް އާންމުކޮށް މި ދުއްވަނީ ގާތްގަނޑަކަށް 42 މޭލަށް އެކަމަކު އޭގެ ދެގުނަ ބާރުމިނުގައި ދުއްވާ ޑްރިފްޓް ޖައްސާފައިއެހެރީ. ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ޝުޖާއު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދީފައި ވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށާއި އޭގެ ތެރެއިން އެއް ފިރިހެނެއްގެ އަތުގެ އެއްބައި ބުރިވެފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަނިޔާވެގެން ގެންދިޔަ މީހުންގެ ތެރޭގައި ސިންހާނިއާ ވެސް ހިމެނުނުއިރު، އޭނާ ދޮޅުގަޑިއިރު އެ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު ޔޮޓަށް ދިޔަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ އެހީގައި އެމީހުން ރަށަށް އެރުވީ، އޭގެތެރޭގައި ނުހިނގޭ މީހުންނާއި، އެއްބައިމީހުން ލޯންޗުތެރެއަށް ހޮޑުލައި އަދި ރަށަށް އެރުވި ފަހުންވެސް ހޮޑުލި. ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ދެން ތިބި މީހުން އެރޭގެ ފަތިހު 6:20 ހާއިރު، ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ޝުޖާއު ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑައި ފުލުހުން މިހާރު ވެސް، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އެ ދެ މީހުން ހޯދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފުސީލެއް ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން މިހާތަނަށް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ