ރާއްޖޭގައި ބާއްވާ މައިގަނޑު 4 އިންތިޚާބުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާ ވޯޓުތަކާއި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާ ވޯޓުތައް ތަފާތެވެ.
މި ބަދަލު އަންނަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ކޮންމެ ރައްޔިތަކުވެސް ވޯޓުލާންޖެހެނީ އެއް ކެންޑިޑޭޓަށްވެފައި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވޯޓުލާންޖެހެނީ އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނަށްވާތީއެވެ.
ވޯޓުލުމުގެ ޙައްގަކީ 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ޙައްގެކެވެ. މި ޙައްގު އަދާކުރާއިރު އެ ލެވޭ ވޯޓަކީ ސައްޙަ ވޯޓެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ރިޔާސީ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ވޯޓު ކަރުދާސްތަކާއި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ކަރުދާހާ ތަފާތެވެ. އެހެންކަމުން އެ ވޯޓުތައް ބާތިލުވަ ގޮތްވެސް ތަފާތެވެ.
ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 3 ވޯޓު ކަރުދާހެއް ލިބޭއިރު ކޮންމެ ކަރުދާހެއްގައިވެސް ފާހަގަޖަހަންވާނީ އެ ކަރުދާހެއްގައި ފާހަގަޖަހަން އިރުޝާދު ދީފައި އޮންނަ އަދަދަށެވެ. އެހެންކަމުން އަތަށް ކަރުދާސް ލިބުމުން ކޮންމެ މީހަކުވެސް އެ ކަރުދާހުގައިވާ އިރުޝާދު ރަނގަޅަށް ކިޔުމަކީ މުހިންމު ކަމެކެވެ.
ސައްޙަވޯޓުގެ ގޮތުގައި ބަލައިގަންނާނީ އެ މަޤާމަކަށް އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން، ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގަ ޖަހާފައިވާ ވޯޓެވެ. އަދި ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރިނަމަވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅުފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓެއްނަމަ އެ ވޯޓު ސައްޙަ ވާނެއެވެ.
މީގެ އިތުރުން ފާހަގަޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެ މަޤާމަކަށް އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން، ކެންޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ ނިޝާނުގައި ރަނގަޅު އެއް ފާހަގަ ޖަހާފައިވާ ވޯޓާއި ވޯޓުކަރުދާހުގައި ޖަހާފައިވާ ރަނގަޅު ފާހަގަ ފެވިފައި ނުވަތަ ފާހަގަޖެހޭ ގޮތަކުން ރަނގަޅު ފާހަގައިގެ މަތީގައި އިތުރު ރަނގަޅު ފާހަގައެއްޖެހިފައިވާ ވޯޓުތައްވެސް ބަލައިގަންނާނީ ސައްޙަ ވޯޓުގެ ގޮތުގައެވެ.
މި އިންތިޚާބުގައި ރައްޔިތަކު ލާ ވޯޓެއް ބާތިލުވާނެ ދެ ހާލަތެއް އޮންނާނެއެވެ. އެއީ މުޅި ކަރުދާސް އެއްކޮށް ބާތިލުވާ ހާލަތާއި އެއް ކަރުދާހެއްގައި ހިމެނޭ ވަކި ވޯޓެއް ބާތިލުވާ ހާލަތެވެ.
• ވޯޓު ކަރުދާހުގައި އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަޖަހާފައި ނުވާ ވޯޓު
• ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގައިގެ އިތުރުން އެހެން ފާހަގައެއް، ނުވަތަ ލިޔުމެއް، ނުވަތަ ކުރަހާފައި ހުރުން
• ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އެއް ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅުފާހަގަ ޖަހާފައިވާ ވޯޓު
• އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު
• އެމަގާމެއްގައި އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަޖަހާފައި ނުވާ ވޯޓު
• ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
މީގެ އިތުރުން މި އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ފިޔަވައި އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓާއި ޤާނޫނާ ޚިލާފަށްދީފައިވާ ވޯޓެއްކަން އެނގޭ ކޮންމެ ވޯޓެއްވެސް ގުނާނީ ބާތިލު ވޯޓެއްގެ ގޮތުގައެވެ.
މި އިންތިޚާބުގައި ސައްޙަ ވޯޓާއި ބާތިލު ވޯޓުގެ އިތުރުން ނުދޭ ވޯޓުވެސް ގުނާނެއެވެ. އެގޮތުން، ވޯޓު ކަރުދާހުގައި އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.
އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ތިމާއަށް ލިބިފައިވާ ވޯޓުލުމުގެ ޙައްގު އަދާކުރުމުގައި އެ މީހަކު ލާ ވޯޓަކީ ސައްޙަ ވޯޓެއްކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.
ވޯޓު ބާތިލުވާނެ ދެ ގޮތެއް: މުޅި ވޯޓު ކަރުދާސް ނުވަތަ އެއް ކަރުދާހެއްގައި ހިމެނޭ ވަކި ވޯޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ