ރާއްޖެއަށް ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން: ނަޝީދު

ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވިީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، ބޭންކުން ޑޮލަރު ގަންނަން ނުލިބޭނަމަ، ދިވެހި ރުފިޔާ ޑީވެލިއުކޮށް ޔޫއެސް ޑޮލަރެއް 20 ރުފިޔާއަށް ވިއްކި ނަމަވެސް، ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ. މިހެންކަމުން ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ނުހުއްޓުވޭނެ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ކަނޑައަޅާއިރު ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމައަގަށް ހެދުން މުހިންމު ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ބޭންކުން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވަނީ ޑޮލަރެއް 15.42 ރުފިޔާ އަށެވެ. ނަމަވެސް ކަޅު ބާޒާރުގައި މިއަގު އުފުލި 20/60 ރުފިޔާއަށްވެސް ދަނީ ޑޮލަރު ވިއްކަމުންނެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިޔަނުދީ ހިފެހެއްޓުމަށް މިސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް އެތެރެވާ ޑޮލަރުގެ މިންވަރު އިތުރުކޮށް ދެމެހެއްޓޭނެ ނިޒާމެއް މިސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ. މިމަސައްކަތުގެ ދަށުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފައިވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ.
އެމްއެމްއޭ އިން އާންމުކުރި ފަހުގެ ތަފާސްހިސާބުގައިވާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާ އެއްގޮތަށް ބޭންކްތަކަށް ރިސޯޓްތަކުން 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވެއެވެ. މިއާއެކު ރާއްޖޭގެ ރަސްމީ ރިޒާވް 708 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ