ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދިނުމަށްފަހު ޓެކުހަށް މަކަރު ހެދި ދެ ކުންފުންޏަކަށް ދައުވާ ކުރަނީ

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެ ދެ ކުންފުންޏަށާއި، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ ދެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.މީރާއިން ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ދެ ކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފެވެ.މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަން ފަށައި، މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވެ އެވެ. ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނެވެ. ނަމަވެސް، މިރާއިން ބުނީ އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ. އެ ތިން އަހަރު އައިލެންޑް ހެލްތު ސޮލިއުޝަންސްއިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާނުގައި ބުނެފައިވާ ގޮތުން 31.9 މިލއިަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާސް މޯލްޑިވްސްއިން 2020 އަދި 2021 ގައި ޓެކުސް ނެގޭ އާމްްދަނީގެ ތެރެއިނ 102 މިލިއަން ރުފިޔާ ޓެކްސް ބަޔާންތަކުގައި ނުހިމަނާކަމަށްވެސް އެ އިދަރާއިން ތުހުމަތުކޮށްފައި ވެއެވެ. މި އޮޅުވައިލުންތަކާ ގުޅިގެން އައިލެންޑް ހެލްތު ސޮލިއުޝަންސްއިން 4.3 މިލިއަން ރުފިޔާ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭކަމަށް، އަދި ޕައިނިއާސް މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ދައްކަންޖެހޭކަން އެ ކުންފުނިތަކަށް މީރާއިން އެންގި އެވެ.އަދި މި މައްސަލާގައި ދެ ކުންފުނީގެ އިތުރަށް އެ ކުންފުނިތަކުގައި އިސްކޮށް މަސައްކަތްކުރެއްވި ޑައިރެކްޓަރުން ކަމުގައިވާ ޑރ.އިކްލީލް ޝަރީފާއި، ޑރ.އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރަށް މި މުއްދަތުގައި އެ ދެ ކުންފުނީގެ މާލީ ބަޔާންތައް ތައްޔާރުކޮށްދިން އަލީ ފަޔާޟުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތައް ތައްޔާރުކުރި ކަމުގެ ތުހުމަުގައި ދައުވާކޮށްދިނުމަށްވެސް މީރާއިން އެދިފައިވެއެވެ. ޓެކުސް ނެގުމުގެ އިދާރ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ދައްކަަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވުމަކީވެސް އެ ގާނޫނުގެ ދަށުން ކުށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ