ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ "ކޫލް ސްކޫލް" މަޝްރޫއު ފަށައިފި

ރާއްޖޭގެ ހުރިހާ ސުކޫލުތައް ފިނިކުރުމަށް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ 'ކޫލް ސުކޫލު' މަޝްރޫއު މިއަދު ފަށައިފިއެވެ. ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކައިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ފެނަކައިން ބުނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 75 އިންސައްތަ ސްކޫލުތަކުގައި އިންޑޯ އޭސީ ޔުނިޓް ހަރުކޮށްފައިވާ ކަމަށެވެ. ފެނަކައިން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 'ކޫލް ސުކޫލު' ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން އޭސީ ހަދިޔާކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު ފަހެއްގައެވެ. https://sun.mv/198795 ނަމަވެސް، ޗައިނާ ސަރުކާރުން ހަދިޔާ ކުރި އޭސީގެ އަދަދު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ސޫކުލުތައް އޭސީ ކުރަން ސަރުކާރުން ޕްރޮޖެކްޓެއް އިފުތިތާހުކޮށްފައި ވަނީ މާފުށީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، ސްކޫލުތައް ފިނިކުރުމަށްޓަކައި ހިންގާ މި މަޝްރޫއު ނިމުމުން، މިހާރު ސްކޫލްތަކުގެ ކަރަންޓު ބިލަށް ހޭދަވާ ވަރަށްވުރެ އިތުރަށް ޚަރަދުވާނީ 38 އިންސައްތަ ކަމަށެވެ. އޭގެ ތެރެއިން, 30 އިންސައްތަ ކަރަންޓަކީ އެންމެ މަދުވެގެން ވެސް އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ގޮތުގައި ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. ސްކޫލްތަކުގައި އޭސީ ހަރުކުރުމުން، ކޮންމެ ރަށެއްގައި ވެސް އުފެދެނީ "އައު އިންޑަސްޓްރީއެއް" ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެގޮތުން، އޭސީތައް މެއިންޓެއިންކުރާނެ ޓެކްނީޝަނުން ބޭނުންވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫއާއެކު، ކޮންމެ ރަށަކުން ވެސް އާމްދަނީ ލިބޭނެ އިތުރު މީހުން އުފެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ