ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށް ލާފައިވާ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރަށް ޖަލުގައި ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކޮށްފައިވާ ކަމަށް އެ މީހުންގެ ގާނޫނީ ވަކީލު ބުނެފި އެވެ.
މި ކަންބޮޑުވުންތައް، މި ދެ ނޫސްވެރިންގެ ވަކީލް އަބްދުﷲ ޝާއިރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިއްޔެ ޒިޔާރަތްކޮށް ހުށަހަޅައިފަ އެވެ.
ޝާއިރު ވިދާޅުވީ ޝަހުޒާން އާއި ލީވާނަށް ޖަލުގައި ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ކަރެކްޝަނުން ހިންގަމުންދާ ކަމަށެވެ. އެގޮތުން ދެ ނޫސްވެރިންނަށް ހުކުމްކޮށް މާފުށީ ޖަލަށްލި ފަހުން ވިދިވިދިގެން ހަތަރު ދުވަސް ވަންދެން އެ މީހުން ތިބެން ޖެހުނީ އެއް އަންނައުނެއްގައި ކަމަށް ޝާއިރު ފާހަގަކުރެއްވި އެވެ.
”އެއް އަންނައުނެއްގައި ހަތަރު ދުވަހު އޮތުމަކީ ޓޯޗާ،“ އޭނާ ވިދާޅުވި އެވެ.
ވަކީލު އިތުރަށް ވިދާޅުވީ، ގައިދީންނަށް ލިބިދޭ ހައްގެއް ކަމުގައިވާ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް އެ ދެ ނޫސްވެރިންނަށް ހަނިކޮށްފައިވާ ކަމަށެވެ. އެގޮތުން ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު، އެ މީހުންގެ އެކައުންޓަށް 2،000 ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު ލީވާން އާއި ޝަހުޒާނަށް ދީފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވި ގޮތުގައި ލީވާނަކީ ހަމުގެ ބައްޔަކަށް ހާއްސަ ލޯޝަނެއް ބޭނުންކުރަންޖެހޭ މީހަކަށް ވީ ނަމަވެސް، އެ ތަކެތި ހޯދުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ސިނގިރޭޓު ގަތުމުގެ ފުރުސަތު ނުދިނުމަކީ ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި އެއީ ސިއްހީ ގޮތުން ގެއްލުން ހުރި ކަމެއް ކަމަށް ވިޔަސް އެ ހައްގު ހިފެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައަކީ ހަމައެކަނި ލީވާން އާއި ޝަހުޒާނަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ ޖަލުގައި ތިބޭ ހުރިހާ ގައިދީންގެ ހައްގުގައި ދައްކަންޖެހޭ ވާހަކައެއް ކަމަށް ޝާއިރު ވިދާޅުވި އެވެ.
ލީވާންއާއި ޝަހުޒާނަށް ޖަލުގައި ލިބެންޖެހޭ ހައްތަކުން ވަނީ މަހުރޫމް ކޮށްފައި: ވަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ