އަނިޔާއާ ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ޔަމާލަށް ގެއްލުމުގެ ބޮޑު ބިރެއް

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލުގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން އަދިވެސް މިއަދާ ހަމައަށް އެއްކޮށް ރަނގަޅުނުވާތީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގެ ކުރީކޮޅު މެޗުތައް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވެން ފަށައިފިއެވެ. އުމުރުން 18 އަހަރުގެ ބާސެލޯނާގެ ފޯވާޑް، ޖޫން 15 ގައި ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިން ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ފިޓްނުވާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި ޖޫން 21 ގައި ސައުދީ އަަރަބިއްޔާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި ވެސް އޭނާއަށް ކުޅެވިދާނެތާމެދު މިހާރު ވަނީ ބޮޑު ސުވާލެއް އުފެދިފައެވެ. ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަންގެ ސިއްހީ މާހިރުން ދަނީ ގަވާއިދުން ބާސެލޯނާއަށް ޒިޔާރަތްކޮށް، ޔަމާލްގެ ރިހިބިލިޓޭޝަންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. 2025 ވަނަ އަހަރުގެ ބެލޮންޑިއޯގެ ދެވަނަ ހޯދި ހުނަރުވެރި ކުޅުންތެރިޔާއަށް މި އަނިޔާވީ މިދިޔަ މަހު ލަލީގާގައި ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ކްލަބް ސީޒަނުގެ ބާކީ ބައިވެސް ގެއްލިފައެވެ. ބާސެލޯނާއިން ބުނިގޮތުގައި ޔަމާލްގެ އަނިޔާއަށް ފަރުވާ ދެނީ އޮޕަރޭޝަނަކަށް ނުގޮސް، ލުއިފަސޭހަ އަދި އަވަސް ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުންނެވެ. އަދި އޭނާ ދަނޑަށް އަނބުރާ ގެނައުމުގެ ޕްރޮގްރާމާ ބެހޭގޮތުން ކްލަބުގެ އިސްވެރިން ވަނީ މިދިޔަ ހުކުރު ދުވަހު ސްޕެއިން ފެޑެރޭޝަނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. ސްޕެއިންގެ ފަހު ގްރޫޕް މެޗުގައި ޖޫން 26 ގައި ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. ވޯލްޑް ކަޕަށްދާ ސްޕެއިންގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިޢުލާންކުރަން ހަމަޖެހިފައިވަނީ މެއި 25 ވާ ހޯމަދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ