ޕޫޓިން-ޝީގެ ބައްދަލުވުން: ގުޅުން ބަދަހިކޮށް، އެއްބަސްވުންތަކުގައި ސޮއިކުރަނީ

ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ބެއިޖިންގްގައި މިއަދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ފައްޓަވައިފި އެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރަޝިޔާގެ ރައީސް ޕޫޓިންއާ އެކު މިއަދު ބާއްވާ މި ބައްދަލުވުމުގައި، ދެ ގައުމުގެ ލީޑަރުން ވަނީ ޗައިނާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުންދާކަން ފާހަގަކުރައްވައި ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ.
މަޝްވަރާތައް ފެށުމުގެ ކުރިން، ރައީސް ޝީ ވަނީ ޕޫޓިންއަށް 'ގްރޭޓް ހޯލް އޮފް ދަ ޕީޕަލް'ގައި ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ. މި އިސްތިގުބާލުގައި އަސްކަރީ ބޭންޑަކާއި ރަތް ދޫލައިގެ މަރުހަބާއެއް ހިމެނޭހެން ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
ބައްދަލުވުމުގެ ތެރެއިން ޕޫޓިން ވިދާޅުވީ، "ބޭރުގެ ނޭދެވޭ ނުފޫޒުތަކެއް" ހުރި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ފެންނަނީ ވަރަށް ވަރުގަދަކޮށް، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ތަން ކަމަށެވެ.
ރައީސް ޝީ ވަނީ ބެއިޖިންގް އާއި މޮސްކޯގެ ދެމެދުގައި އޮތް "ނުގުޑާ ފަދަ ވަރުގަދަ ގުޅުމަށް" ތައުރީފު ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އިތުބާރާއި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، އަލުން ހަނގުރާމައެއް ފެށުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ޝީ ވިދާޅުވި އެވެ. އަދި ހަމަލާތައް ހުއްޓާލުމަށާއި މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އޭނާ ގޮވާލެއްވި އެވެ.
މި ދަތުރުފުޅަކީ ދެ ބާރުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ކްރެމްލިންއިން ބުނި ގޮތުގައި، ވިޔަފާރި، ފަތުރުވެރިކަން، ތައުލީމު އަދި ހަކަތައިގެ ދާއިރާ ހިމެނޭހެން ގާތްގަނޑަކަށް 40 އެއްބަސްވުމެއްގައި މި ބައްދަލުވުމުގެ ތެރެއިން ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮފިޝަލުން ލަފާކުރާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައަށް ފަހު ޔޫރަޕަށް ފޮނުވަމުންދިޔަ ގޭސް ބޭރުކުރުމަށް މޮސްކޯއިން އާ މާކެޓްތަކެއް ހޯދަމުންދާތީ، މި ބައްދަލުވުމުގައި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބޮޑަށް މަޝްވަރާ ކުރާނެ އެވެ.
މަޝްވަރާތަކުގެ ކުރިން ޕޫޓިން ވިދާޅުވީ، ދެ ގައުމުގެ މިނިވަންކަމާއި ގައުމީ އެއްބައިވަންތަކަން ހިމެނޭހެން "އަސާސީ މަސްލަހަތުތައް" ހިމާޔަތްކުރުމުގައި އެއްބާރުލުން ދިނުމަށް ރަޝިޔާ އާއި ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި މި ގުޅުމަކީ ދުނިޔޭގެ މަސްރަހު ހަމަޖެއްސުމަށް މުހިންމު ދައުރެއް އަދާކުރާ ގުޅުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއްވެސް ބަޔަކާ ދެކޮޅަށް ރޭވުމަކަށް ނޫން. ނަމަވެސް، އަޅުގަނޑުމެންގެ މަގްސަދަކީ ދުނިޔޭގެ ސުލްހަވެރިކަމާއި އެންމެހާ ރައްޔިތުންގެ ފާގަތިކަމަށްޓަކައި މަސައްކަތް ކުރުން،" ޕޫޓިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ