މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކުގެ އަސަރާ މެދު ރާއްޖެއަށް ހާސްކަމެއް ނެތްކަން ދައްކަން އުޅުމުގެ ބަދަލުގައި ވަގުތު ފާއިތު ނުވަނީސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ސަރުކާރަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލުން، އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި އޮތް ހަމަނުޖެހުންތަކާ ހެދި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ލަފާކުރެ އެވެ. އޭގެ އަސަރު މިހާރު ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން:
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ބޮޑުވަމުން
ރާއްޖެއަށް ތެޔޮ އެތެރެކުރާ އަގު ވެސް ވަނީ މަތިވެފައި
ތެލުގެ އަގު ބޮޑުވެ، އެއާލައިންތަކުން ނަގާ ފިއުލް ސާޗާޖު ވެސް ދަނީ ބޮޑުކުރަމުން
ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމުމުން ތެލާއި ގޭސް އުފުލުން ދަތިވެ، ރާއްޖޭގައި ގޭސް ވިއްކާ މިންވަރު ވެސް ވަނީ ކޮންޓްރޯލުކޮށްފައި
ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ވެސް ވަނީ މަދުވެފައި
ބޮޑެތި އިގްތިސާދުތައް ހުރި ގައުމުތަކުން މިިހާރު ވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، ރާއްޖެއިން އެކަން ކުރާ ތަން ނުފެންނާތީ ބައެއް ވިޔަފާރިވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - ފައިސަލް ވިދާޅުވީ ދުނިޔެ މި އޮތީ ގޮތް ނޭނގޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި ހަނގުރާމަ ނުހުއްޓޭ ނަމަ، އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭ އެއް ގައުމަކަށް ވާނީ ރާއްޖެ ކަމަށެވެ.
ގައުމުގެ ކަންތައްތައް ވީހާވެސް ރަނގަޅަށް މެނޭޖުކުރަން ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދެވުން މުހިންމު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"މިކަންތައް ކުޑަ ކަމެއްގެ ގޮތުގައި ނުނަންގަވައި، ވަގުތު ފާއިތު ނުވަނީސް ހަރުދަނާ ފިޔަވަޅުތައް އަޅުއްވާ،" ފައިސަލް ވިދާޅުވި އެވެ.
އެގޮތުން ފައިސަލް އެދިވަޑައިގަތީ:
ސަރުކާރަށް ތާއީދު އިތުރު ކުރުމަށް އުފައްދާ ބޭކާރު ވަޒީފާތަކަށް މީހުން ނެގުމާއި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ އިސްރާފު ހުއްޓާލަން
ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަކުރެވޭނެ ގޮތަށް މަސައްކަތް އިންތިޒާމްކުރުން
އެއްވެސް ހާސް ކަމެއް ނެތްކަން ދެއްކުމުގެ ބަދަލުގައި، ސާފު ތެދު މައުލޫމާތު ޒިންމާދާރު ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުން
ފައިސަލް ވިދާޅުވީ ތެލާއި، ގޭސް އަދި އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތި ކަމެއް ރައްޔިތުންނަށް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން، ނިމިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ދިން ކަމަށެވެ. އެކަމަކު މިއަދު ގޭސް ލިބުމުގެ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަަގަކުރެއްވި އެވެ.
ކޮވިޑް-19 އަށް ފަހު، ރާއްޖޭގެ ވިޔަފާރީގެ ބޮޑު ބައެއް އޮތީ މެދު އިރުމައްޗާ ގުޅިފައި ކަމަށާއި އެއީ ސީދާ މެދު އިރުމަތީ ގައުމުތަކުން އިމްޕޯޓު ކުރުން، ނުވަތަ މެދު އިރުމަތިން ޓްރާންސިޓް ކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެގޮތުން ވިދާޅުވީ:
ތެޔޮ ގަންނަން ސަރުކާރުން މަހަކު ގާތް ގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާއިރު، މިހާރު މި އަދަދު 75 މިލިއަން އެމެރިކާ ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް
އަމިއްލަ ފަރާތްތަކުން އެތެރެކުރާ ތެލުގެ އަގު ވެސް މި މިންގަނޑުން މައްޗަށް ދާނެ
ރިސޯޓުތަކުގެ ހިންގުމުގެ ހަރަދާއި އަމިއްލަ ވިޔަފާރީތަކުން ކުރަން ޖެހޭ ހަރަދު ބޮޑު ވެގެން ދާނެ
ކުދި ވިޔަފާރިތަކަށާއި ވަޒީފާތަކަށް ވެސް ބޮޑު އަސަރެއް ކުރާނެ
"މިފަދަ ހައްސާސް ވަގުތެއްގައި ގައުމުގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި، އަދި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކާ އެކު މިކަމުގައި މަސައްކަތްކޮށް ގައުމުގެ ކަންތައްތައް ވީހާވެސް ރަނގަޅަށް މެނޭޖުކުރުމަށް ރައީސް [މުހައްމަދު މުއިއްޒު] އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ސަރުކާރަށް: 'ހާސްކަމެއް ނެތްކަން ދެއްކުމުގެ ބަދަލުގައި ވަގުތު އޮއްވާ ހަރުދަނާ ފިޔަވަޅުތައް އަޅުއްވާ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ