އިހުސާނާއި ބައެއް އެހެން ވަޒީރުންނަށް ވޯޓު ދިނުމަކީ ހެދުނު ގޯހެއް ކަމަށް ވިދާޅުވެ ޝަމްހީދާއި ކުޑޫ މަޢާފަށް އެދިވަޑައިގެންފި
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުން ދޭން ފާސްކުރިއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން ބައެއް އެހެން މިނިސްޓަރުންނަށް ވޯޓު ދިނުމަކީ ހެދުނު ގޯހެއް ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޢާފަށް އެދިވަޑައިގެންފިއެވެ. އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވިއެވެ. އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ. ހޯމް މިނިސްޓަރު އިހުސާން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ މަޖިލިސް މެންބަރުންނާއި، އެހެނިހެން ބޭފުޅުން ހިމެނޭހެން ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔާ ވަޒީރުންނަށް ރުހުން ދިނީތީއެވެ. ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން އެކަން ފާހަގަކުރެއްވީ އެއީ އެމްޑީޕީން ވެސް ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރައްވާތީ ދިން ވޯޓެއް ކަމަށެވެ. އެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. https://x.com/Ashamhyd/status/2049783839615242436 ހަމައެއާއެކު 'އެކްސް'ގައި ކުޑޫ ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވިއެވެ. "އެކަމަށްޓަކައި އިޚުލާސްތެރިކަމާއެކު މާފަށް އެދެން. މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަން. ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަގީންކަން އަރުވަން،" ކުޑޫ ވިދާޅުވިއެވެ. https://x.com/mohamedkudu/status/2049789225273532538 ދެ މެންބަރުން މަޢާފަށް އެދިވަޑައިގަތް އިރު، އެމްޑީޕީގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ މި ސަރުކާރުގެ ހޯމް މިނިސްޓަރަށެވެ. އެގޮތުން މީގެ ކުރިން ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް އެތައް ބަޔަކު 'ވަގަށް' ވައްދަން އުޅުނު ކަމުގެ ތުހުމަތުކުރި މައްސަލައާއި އެ ނޫން ވެސް އެކިއެކި މައްސަލައިގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ