މިއަހަރު ރައީސް ރިޔާސީ ބަޔާން އިއްވަވައި، މަޖިލިސް ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާނެކަން، ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އޮންނާނެ ކަމަށެވެ. މިއަހަރުގެ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހާއެވެ. ކޮންމެ އަހަރެެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމެވެ. https://sun.mv/202272 ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވޭ ދުވަހު ރިޔާސީ ބަޔާނުގައި މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް އެމަނިކުފާނު އެރޭ ހާމަ ނުކުރައްވައެވެ. މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން 12 މިނެޓަށް އެ ދުވަހު ޖަލްސާ މެދުކަނޑާލިއެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އިހުތިޖާޖު ކުރުމާ ގުޅިގެން ނަން އިއްވައި ނެރުނު މަޖިލިސް މެންބަރުން ވަނީ ފަހުން އިދާރާގެ ބޭރުގައިވެސް އިހުތިޖާޖު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ