ކާވާގެ ކުލަބު މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ހުރައާއި ވެމްކޯ
ސެންޓްރަލް އޭޝިއާގެ އެންމެ ވަރުގަދަ ކުލަބުތައް ވާދަކުރާ "ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026" ގައި ރާއްޖެއިން ވާދަކުރާ ދެ ޓީމަކަށް ކުލަބު ވެމްކޯއާއި ހުރާ ކޮމިއުނިޓީ ކުލަބު ވެއްޖެއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ޖުމްލަ ހަ ގައުމަކުން ހަތް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ރާއްޖޭގެ ކުލަބު ވެމްކޯ ވާދަކުރަނީ ވީއޭއެމް ކަޕާއި ގައުމީ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. އަދި ހުރާ ކޮމިއުނިޓީ ކުލަބް ވާދަކުރަނީ ނިމިދިޔަ ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމު-- ދެ ގްރޫޕުގެ ތެރެއިން ރާއްޖޭގެ ކުލަބު ވެމްކޯ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ވެމްކޯއާއެކު ދެން ހިމެނެނީ ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާންގެ އިތުރުން އުޒްބަކިސްތާނުގެ ހުމޯ ވީސީ އަދި ނޭޕާލް ޕޮލިސް ކުލަބެވެ. ހޫމޯ ވީސީއާއި ނޭޕާލް ޕޮލިސް ކުލަބަކީ 2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ. މިއަހަރުގެ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ