ފުޓްބޯޅައިގެ ހިދުމަތްތެރިޔާ އަދި އީގަލްސްގެ ފުރަތަމަ މުއައްސިސް ހަސަން އަލީ ނިޔާވެއްޖެ

ރާއްޖޭގެ ފުޓްބޯޅައިގެ ޒަމާންވީ ހިދުމަތްތެރިޔާ، އީގަލްސްގެ ފުރަތަމަ މުއައްސިސް ހަސަން އަލީ ނިޔާވެއްޖެއެވެ.
ހަސަން އަލީ ނިޔާވީ މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން، ލޭގެ ޕްރެޝަރު ދަށްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އުމުރުން 78 އަހަރުގެ ހަސަން އަލީ އަކީ ފުޓްބޯޅަދަނޑަށް އެތަކެއް ހުނަރުވެރި ކުޅުންތެރިންތަކެއް ނެރެދީފައިވާ ކުޅިވަރުގެ ޝަހްސިއްޔަތެކެވެ. ހަސަން އަލީ އެންމެ ފާހަގަކޮށްލެވެނީ އީގަލްސް އުފައްދައިގެން ކުރެވުނު މަސައްކަތްތަކެވެ. އީގަލްސް ވުޖޫދަށް އައުމާއެކު ފުރުސަތު ނުލިބިފައިތިބި އެތައް އެތައް ޒުވާން ކުޅުންތެރިންތަކެއް ވަނީ އެ ކްލަބްގެ ޖާޒީގައި ގަލޮޅު ދަނޑަށް ކުޅެން ނިކުމެފައެވެ. 
ހަސަން އަލީ ވަނީ ގިނަ ކްލަބްތަކެއްގެ އިތުރުން ޤައުމީޓީމުގެވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ހަސަން އަލީ ގެ 4 ދަރިންނަކީވެސް ފުޓްބޯޅައިގައި މަޝްހޫރު ބައެކެވެ. މީގެ ތެރެއިން އެންމެ މަޝްހޫރީ ކުރިން ވިކްޓްރީ އަދި ވެލެންސިއާއަށް ކުޅުނު އަލީ ސުޒޭނެވެ. އޭނާއަކީ ކާމިޔާބު ކޯޗެއްވެސް މެއެވެ. ސުޒޭނުގެ އިތުރުން، މުޙައްމަދު ނަޒީހް އާއި، ޑިފެންޑަރު އިބްރާހީމް ސިނާޒް (ސިނާ) ގޯލް ކީޕަރުން ތަމްރީނުކުރުމުގައި މަޝްހޫރު އަޙުމަދު ރިޔާޒް (ގާނާ) ހިމެނެއެވެ.
ހަސަން އަލީގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ, މިއަދުގެ މެންދުރުނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ