ރާއްޖެ އަންނަ އިންޑިއާ ރައްޔިތުން ކާކުކަން ނޭނގޭ މީހުން ހަވާލުކުރާ ޕެކޭޖުތަކާ ހަވާލު ނުވުމަށް އެ ގައުމުގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ އިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިފަހުން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފައިވާ މީހުންގެ ތެރޭ އިންޑިއާގެ ރައްޔިތުން ހިމެނެ އެވެ.
ރާއްޖޭން މިހާރު ވަނީ ރާއްޖެއަށް މަސްތުވާކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފަ އެވެ.
އެ ގައުމުގެ ނާކޮޓިސް ބިޔުރޯ އިން ނޫސްބަޔާނެއްގެ ޒަރިއްޔާ އިން ނެރުނު އެޑްވައިޒަރީގައި ރާއްޖޭގެ ޑްރަގާ ބެހޭ ގާނޫނުތައް ހަރުކަށިކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ތަފްސީލް - އިންޑިއާގެ ނާކޮޓިސް ބިޔުރޯގެ އެޑްވައިޒަރީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުއަން އުޅުމުގެ ތުހުމަތުގައި މިފަހުން ގިނަ އަދަދެއްގެ ބިދޭސިން އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭ އިންޑިއާ ރައްޔިތުން ވެސް ހިމެނޭކަން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ޑްރަގާ ބެހޭ ގާނޫނުތައް ހަރުކަށިކޮށް، ޑްރަގް އެތެރެކުރިކަން ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލުހުކުމް ފަދަ ހަރުކަށި އަދަބު ދެވޭ ގޮތަށް އޮންނަކަން ވެސް އިންޑިއާގެ ނާކޮޓިސް ބިޔުރޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ އިދާރާ އިން ބުނީ ކާކުކަން ނޭނގޭ މީހުން ހަވާލުކުރާ ޕާރުސަލް އަދި ބެގޭޖު ފަދަ ސާމާނާ ހަވާލުނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެ އިތުރުން، ވައިގެ ބަނދަރުތަކާއި ކަނޑުދަތުރުކުރާ ޕޯޓުތަކުގައި އުޅޭ އިރު ވެސް ނުދަންނަ މީހުން ދޭ އެއްޗެއްސާ ހަވާލު ނުވުމަށާއި އަމިއްލަ ބެޖޭގަށް އަބަދު ވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ގައުމުން ބޭރުގައި އުޅޭއިރު، އެ އުޅޭ ގައުމެއްގެ ގާނޫނާއި ގަވައިދަށް ފުރިހަމައަށް ބޯލަނބަން ވެސް އިންޑިއާގެ ނާކޮޓިސް ބިޔުރޯ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
ރާއްޖޭގެ ޑްރަގް ގާނޫނު ހަރުކަށިކުރުމުން އިންޑިއާ މީހުން ސަމާލުވާން އިލްތިމާސްްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ