މާލޭގެ މޭޔަރަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ރައީސް ސޯލިހު ގޮވާލައްވައިފި

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އޮނަރަބަލް އާދަމް އާޒިމަށް ދިން ހަމަލާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ. 
އެކްސްގައި ރައީސް ސޯލިހު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ.
އެއްވެއުޅުމާއި، ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަުގައި ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށެވެ. 
މޭޔަރ އާދަމް އާޒިމަށް ހަމަލާ ދިނީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ ސުލްހަވެރި މުޒާހަރާތަކުގެ ތެރެއިން ރޭގައި އޮތް މުޒާހަރާގައި މޭޔަރު ހުންނަވަނިކޮށް މަޖީދީ މަގުގައެވެ. 
މޭޔަރު އާދަމް އާޒިމަށް މާލޭގެ މަގެއްގެ މަތިން ދިންހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް މާލެ ސިޓީގެ މޭޔަރކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު ވެސް ވަނީ ވިދާޅުވެފައެވެ.
ހަމަލާގައި އާޒިމްއަށް އަނިޔާއެއް ވެފައިވާނަމަ، އަވަސް ސިފާޢަކަށް އެދި ވަޑައިގަންނަވަމުން ޒަރިޔަންދު ވިދާޅުވީ މުޒާހަރާތަކުގެ ބައިވެރިންނަށް ހަމަލާދިނުމަކީ ރޭވިގެން ހިންގާ ކަމެއްކަމަށް ވުމުގެ ފުރުސަތު އޮތުމުން، ފުލުހުންގެ ތަހުގީގުގައި މިކަމަށް ވިސްނެވުން މުހިންމުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ