މިދިޔަމަހު ޓެކްސް އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.
މިރާއިން ވިދާޅުވީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 4.03 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %17.0 އިތުރު އަދަދެއްކަމަށެވެ. އަދި މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވެއެވެ.
މީރާއިން ވިދާޅުވީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށެވެ. މީގެއިތުރުން، 2025 ވަނަ އަހަރުގެ ފެބުރުވަރީމަހާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18.8 އިތުރުވުމާއި ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހުގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ މިދިޔަމަހު ލިބުނު އާމްދަނީ %26.8 އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުމެވެ. މާރިޗު މަހު ލިބިފައިވާ އާމްދަނީގެ %31.4 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %7.6 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.
މާރިޗު މަހު ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 882 މިލިއަން ރުފިޔާ ހޯދާފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ވަނީ ހޯދައިފައވެ.
މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 2.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓްތަކުގެ ކުލިންނަގާ ޓެކުހުންނެވެ. އެއީ 440 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ، އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަމަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަމަހު ޓެކްސް އާމްދަނީ އަންދާޒާއަށްވުރެ %26.8 އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ