އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމުން ވަގުތީ ގޮތުން ނަމަވެސް ގަލްފުގެ ޤައުމުތަކަށް ތަސައްލީއެއް ލިބިފައިވީނަމަވެސް، ހުރްމުޒް ކަނޑުއޮޅިއަށް ވާނެ ގޮތަކާމެދު ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.
ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނު މެދުކަނޑައިލާފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ އޭޕްރިލް 8 ވަނަ ދުވަހުއެވެ. އަދި، އީރާނުން ވެސް ވަނީ އެ ކަމަށް އެއްބަސްވެ، އޭޕްރިލް 10 ގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ ޓްރަމްޕްގެ ސަރުކާރުން އިސްވެ ހުށަހެޅި 10 ނުކުތާއެއްގެ މައްޗަށެވެ. އަދި އޭޕްރީލް 10ގައި އިސްލާމްއާބާދުގައި ފަށާ ސުލްޙައިގެ މަޝްވަރާތައް ވެސް ބިނާކުރަން ނިންމާފައިވަނީ އެ 10 ނުކުތާގެ މައްޗަށެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅި އާމެދު ގަލްފުގެ ޤައުމުތަކުގެ ނުތަނަވަސްކަން އޮތީ، އެމެރިކާއިން އެކަމުގައި އީރާނަށް ދޫތަކެއް ދިނުމާ މެދުއެވެ.
މިގޮތުން، ޙަމަލާތައް ހުއްޓައިލުމުގެ އިތުރުން ހުރްމުޒް ހުޅުވައިލުމަށް އީރާނުން އެއްބަސްވެފައިވަނީ އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން އީރާނުގެ އަސްކަރިއްޔާއާ ގުޅިގެންކަމަށް ޝަރުތުކުރުމަށްފަހުއެވެ.
އެހެންކަމުން، މި ހަނގުރާމައިން ސިޔާސީ ގޮތުން ގެއްލުން ކުޑަ ގޮތަކަށް ޓްރަމްޕް ނުކުންނަވަން ބޭނުންފުޅުވާއިރު، ސުލްޙައިގެ މަޝްވަރާތަކުގައި ހުރްމުޒް ކަނޑުއޮޅީގެ ބައެއް ބާރުތައް އީރާނަށް ދޭން އެއްބަސްވުމަކީ ގަލްފުގެ ޤައުމުތަކުގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރައްވައެވެ.
އެކަމުގެ އިޝާރާތެއް، ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމުން މަރުޙަބާ ކިޔައި ގަލްފުގެ ޤައުމުތަކުން ނެރުނު ބަޔާންތަކުގައި ވެސް ވަނީ ދީފައެވެ.
މިގޮތުން، ހުރްމުޒް ކަނޑުއޮޅި އެއްވެސް ހިފެހެއްޓުމެއްނެތި، ހުޅުވާލެވިފައި އޮންނަންޖެހޭކަމަށް އެ ބަޔާންތަކުގައި ބާރު އަޅާފައިވެއެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއަށް އީރާނުގެ ބާރު ފޯރާނަމަ، ގަލްފުގެ ޤައުމުތަކުން އަބަދުވެސް ތިބެންޖެހޭނީ، މެދުއިރުމަތީގެ ތެލާއި ގޭސް އުފުލާ މައި މަގު، ކޮންމެ ވަގުތެއްގައި ވެސް އީރާނުން ބަންދުކޮށްފާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.
ހުރްމުޒްގެ ސަބަބުން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ހިޔަނި އެޅިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ