ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަން ހަމަޖައްސައިފި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް، އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 17ގައެވެ. އަދި، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.
ނަމަވެސް އެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުން އޭގެފަހުން އަޑުއެހުމެއް ނުބާއްވަ އެވެ.
ނަމަވެސް އަންނަ އަންގާރަ ދުވަހު އާ ބެންޗަކާއެކު އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
މިހާރު އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ