ޑޭކެއާ ސެންޓަރުތައް މަދުވުމުގެ ސަބަބުން ވަޒީފާއަށްދާ އާއިލާތަކަށް ދިމާވާ ދަތިތައް ހައްލުކުރަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފި
ޗައިލްޑްކެއާ މަރުކަޒުތައް، ނުވަތަ ތުއްތު ކުދިން ބަލަހައްޓާ މަރުކަޒުތައް މަދުވުމުގެ ސަބަބުން ވަޒީފާ އަދާކުރާ އާއިލާތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި، އާންމު ޕެޓިޝަނެއް މި އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު ހުށަހަޅައިފިއެވެ. "ބެނެފިޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހުށަހެޅި ޕެޓިޝަންގައިވަނީ، ފެންވަރު ރަނގަޅު ޗައިލްޑްކެއާގެ ޚިދުމަތް ހޯދުމަށް ގިނަ އާއިލާތަކަށް ބޭނުންވާ ކަމަށެވެ. އެކަމަކު އާއިލާތަކަށް ލިބޭ އާމްދަނީއާ ބަލާއިރު، ގިނަ އާއިލާތަކަށް ޗައިލްޑްކެއާގެ ޚިދުމަތް ނުލިބޭ ކަމަށް، މި ޕެޓިޝަންގައިވެއެވެ. ގިނަ އާއިލާތަކުގައި މައިންބަފައިން ވަޒީފާއަށްދާ ކަން ފާހަގަކޮށް، ޕެޓިޝަނުގައި ބުނީ، އެ ވަގުތުތަކުގައި ކުދިން ބެލެހެއްޓުމަށް ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެ މަގު ފަހިވެފައި ނެތް ނަމަ، އެކަމުގެ ސަބަބުން މުސްތަގުބަލުގެ ޖީލު އެންމެ ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމުގައި ދަތިވާނެ ކަމަށެވެ. ތުއްތު ކުދިން ބެލުމުގައި މައިންގެ މުހިއްމު ދައުރެއް އޮންނަކަން ފާހަގަކޮށް، ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޗައިލްޑްކެއާ މަރުކަޒުތައް ނެތުމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި އަންހެނުން ގިނަ ވަގުތު ހޭދަކުރުމަށް ދަތިވެއެވެ. މި ޕެޓިޝަނުގެ ބޭނުމަކީ އަންހެނުންނަށް ހުރަސްތަކަކާއި ނުލައި ވަޒީފާގެ މާޙައުލުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް، ވެއެވެ. އެއާއެކު، މި ޕެޓިޝަނުން ބޭނުންވާ ހައްލުތައް ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމޭ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ފުރެންދެން ކުއްޖާގެ މަންމައަށް ނުވަތަ ބައްޕައަށް ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ ގޮތް ހެދުން، ނުވަތަ މަސައްކަތްކުރާ ވަގުތު މަދުކުރުމާއި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުން، ނުވަތަ ވަޒީފާގެ ގޮތުން ލުއިފަސޭހަ އިންތިޒާމުތައް ނުވަތަ ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ފުރުސަތު ނުލިބޭ ބެލެނިވެރިންނަށް އިސްކަންދިނުމާއި މެދު ފަންތިއާއި ދަށް ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ދެވޭ ސަބްސިޑީ ނިޒާމެއް ހިމެނޭހެން ސަބްސިޑީ ދިނުމުގެ އުސޫލު ގާއިމުކުރުން ފަދަ ހައްލުތައް ހުށަހަޅައިފައިވެއެވެ. މި ޕެޓިޝަން ފާސްވެ، މައްސަލަ ހައްލުވެއްޖެނަމަ ދަރިން ތަރުބިއްޔަތުކުރުމަށް ފައިދާވާނެ ކަމަށާއި، ދަރިން ބެލުމަށްޓަކައި ގެންނަ ބިދޭސީންނަށް ކުރާ ޚަރަދު ކުޑަވާނެ ކަމަށާއި، ވަޒީފާގައި މުވައްޒަފުން ދަމަހައްޓަން ފަސޭހަވެގެން ދާނެ ކަމަށް، ޕެޓިޝަނުގައި ބުނެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ނޫޅޭ މީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށްވެސް، ޕެޓިޝަނުގައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލުން ދައްކާ ގޮތުގައި މިހާތަނަށް މި ޕެޓިޝަނުގައި 107 މީހަކު ސޮއިކޮށްފައިވެއެވެ. ޕެޓިޝަނުގައި ސޮއިކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މޭ މަހުގެ 21 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ