ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އިސްތިއުފާ ދެއްވައިފި

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެކެޑަމީގެ މުވައްޒަފަކު "ސަން" އަށް ޔަގީން ކޮށްދެއްވި ގޮތުގައި މިއަދު 13:30 ގައި މުވައްޒަފުންނާ ބައްދަލު ކުރައްވައި އަޝްރަފް ވަނީ މިއަދު 14:00 އިން ފެށިގެން މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފައެވެ. އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. އަޝްރަފް އެކެޑަމީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ, އޮގަސްޓް, 2021 ގައެވެ. އޭނާގެ ދައުރު ހަމަވާނީ މާދަމާ ފެށޭ އާ އަހަރުގެ އޮގަސްޓް މަހަށެވެ. އަޝްރަފް އިސްތިއުފާ ދެއްވާފައި މިވަނީ އެކެޑަމީގެ ރައީސްކަމުގެ މަގާމުގައި ހުންނަވާތާ ހަތަރު އަހަރާއި ހަތަރު މަހާއި 22 ދުވަސް ފަހުންނެވެ. އެކެޑަމީގެ ރައީސްކަމުގައި ހުންނަވައި އަޝްރަފް ވަނީ އަދަބީ މަސައްކަތްތަކާއި ބަހުގެ ކަންކަން ހަރުދަނާ ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ސްކޫލު ކުދިންނާއި އޮފީސްތަކަށް ޚާއްސަކޮށްގެން މުބާރާތްތަކާއި ތަމްރީނުތައް ކުރިއަށް ގެންދެވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ